މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލަން ކުރަން ޖެހޭ ލިކްއިޑޭޝަން މަަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެމްއައިޓީޑިސީ އުވާލުމުގެ މަަސައްކަތަށް ޝައުގުވެރިވާ ފަރާތްތަަކުން ޖެނުއަރީ 29 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އަށް އެ މިިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހަޅަން އެދޭ ކަމަށެވެ.

އެމްއައިޓީސީ އުވާލުމުގެ މަސައްކަތާ ހަވާލުވާ ބަޔަކު ކުރަން ޖެހޭނެ މަަސައްކަތްތަކުގެ ލިސްޓެއް، އެ އިއުލާނާ އެކު ފިނޭންސުން ގެޒެޓްކުރި އެވެ.

ކުރަން ޖެހޭނެ މަސައްކަތްތައް

  • އެމްއައިޓީޑީސީގެ މުދަލާއި ފައިސާ ރެކޯޑްތަކުގެ ކޮންޓްރޯލް ނަގައި އެ ތަކެތި އަގުމަގުކުރުން
  • ކުންފުނީގެ ދަރަނީގެ ހިސާބުތައް ދެނެގަނެ، ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން
  • ލިކްއިޑޭޝަން މަސައްްކަތްތައް ނިމުމާ އެކު ކުންފުނި އުވާލުމުގެ މަރުހަލާ ފުރިހަމަކުރުން

ފިނޭންސްގެ އިއުލާނުގައި ބުނީ އެމްއައިޓީޑީސީއަކީ ދައުލަތުގެ ކުންފުންޏަކަށް ވާތީ ލިކްއިޑޭޝަން މަސައްކަތްތައް ގެންދަން ކުރިއަށް ގެންދަން ޖެހޭނީ ދެފުށް ފެންނަ އުސޫލާއި ޒިންމާދާރުކުރުވުމާއި ގުޑްގަވާނެންސް އުސޫލުތައް އެންމެ މަތީ ފެންވަރުގައި ހިފަހައްޓައިގެން ކަމަށެވެ.

އެމްއައިޓީޑީސީގެ ހާލަތު ބަލަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި ހާއްސަ އޮޑިޓަކަށް ފަހު މިދިޔަ އަހަރު ނެރުނު އޮޑިޓް ރިޕޯޓެއްގައިވާ ގޮތުން އިން 52.35 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އެކުންފުނިން ފެށި ތިން މަޝްރޫއެއްގެ މަސައްކަތް ހުރީ ނުނިމި ހުއްޓިފަ އެވެ.

އެމްއައިޓީޑީސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގައި މެދުފަންތީގެ ޓޫރިޒަމް އިތުރަށް ތަރައްގީކޮށް، ޕްރޮމޯޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި އުފެއްދި ކުންފުނިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ ނިޔަލަށް ތިން މަޝްރޫއެއް ފެށި އެވެ.

ލ. ބަރެސްދޫ އިންޓެގްރޭޓެޑް ރިސޯޓް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި ކ. ކާށިދޫގައި ކުރިއަށް ގެންދިޔަ ކާށިދޫ ޓޫރިސްޓް ވިލެޖް ޕްރޮޖެކްޓް އަދި ކ. އަތޮޅުގެ 10 ފަޅެއް ހިއްކައި ތަރައްގީ ކުރުމަށް ހިންގި ޕްރޮޖެކްޓް "ޕާމް" އަށް ޖުމްލަ 52.35 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

އެމްއައިޓީޑީސީ އުފެއްދި ފަހުން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދިއުމާއި ކުންފުނިން ފަށާފައިވާ މަޝްރޫއުތައް ވެސް އަވަސް މުސްތަގުބަލެއްގައި ނިމޭނެ ކަމަށް ނުބެލެވޭތީ ކުންފުންޏަށް އެކަށީގެންވާ އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައިގެން ނޫނީ ކުންފުނި އިތުރަށް ނުހިންގަން ވެސް އޮޑިޓު އޮފީހުން ދިން ލަފާތަކުގެ ތެރޭގައި ހިމެނެ އެވެ.