ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ އެކު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ގުޅުން ބޭއްވެވީ، 2008 ގައި އެޕްސްޓީން އަށް އެ ތުހުމަތުތަައްކޮށް ހައްޔަރުކުރިކަން އެނގިވަޑައިނުގަންނަވާތީ ކަމަށް އެ މަނިކުފާނުގެ އޮފީހުން މިއަދު ބުނެފި އެވެ.
ވަހީދާއި އެޕްސްޓީންގެ ގުޅުން ފަޅާއަރައި އެ މައްސަލަ ހޫނުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ ގަމާުން މިއަދު އިސްތިއުފާ ދެއްވުމާ އެކު، ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ މަނިކުފާނު އެޕްސްޓީންއާ އެކު ބޭއްވެވި އެއްވެސް ބައްދަލުވުމަކީ އިޖުތިމާއީ ބައްދަލުމެއް ނޫން ކަމަށާއި ސިޔާސީ ޕާޓީއެއް ނުވަތަ ނުރަސްމީ ބައްދަލުވުމެއް ނުބާއްވަވާ ކަމަށެވެ.
އޭގެ ބަދަލުގައި އެ ބައްދަލުވުންތަކަކީ މަގާމުގެ ހައިސިއްޔަތުން، އެހެން އޮފިޝަލުންނާ ވެސް އެކުގައި ބޭއްވެވި ބައްދަލުވުންތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ވަހީދު އެޕްސްޓީންއާ ބައްދަލުކުރެއްވީ ރާއްޖެ އަށް ވަރަށް ބޮޑަށް އެހީ ބޭނުންވެފައި ވަގުތެއްގައި މާލީ އަދި ބަޖެޓަރީ ބޭނުންތަކަށް ލަފާ ބޭނުންވެފައި އޮތް ވަގުތެއްގައި ނުފޫޒު ގަދަ އަދި އިހުތިރާމް ލިބިގެންވާ ސިޔާސީ ބައެއް ލީޑަަރުންގެ ލަފާގެ މަތިން ކަމަށް ވެސް ވަހީދުގެ އޮފީހުން ބުންޏެވެ. އެ އޮފީހުގެ ބަަޔާނުގައި ބުނި ގޮތުގައި ސިޔާސީ ލީޑަރުންގެ ލަފާގެ މަތިން އެޕްސްޓީންއާ ބައްދަލުކުރެއްވީ ނިއުޔޯކްގެ އެންމެ ނުފޫޒު ގަދަ އެއް ފަންޑް މެނޭޖަރު އަދި ފައިނޭންޝަލް އެޑްވައިޒަރުގެ ހައިސިއްޔަތުންނެވެ.
" ...އެޕްސްޓީންއަށް 2008 ގައި ކުރި ތުހުމަތުތަކާއި އެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކުރިކަން ރައީސް ވަހީދަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެހެންވީމާ އޭނާގެ މައްޗަށް 2008 ގައި ކުރި ދައުވާތައް ކުރީ ކިހާވަރެއްގެ ޖަރީމާތަކަކާ ގުޅިގެން ކަން އެނގިވަޑައެއް ނުގަންނަވަ އެވެ،" ވަހީދުގެ އޮފީހުން އިނގިރޭސި ބަހުން ނެރުުނު ބަޔާނުގައި ބުންޏެވެ.
"އެކަން އެނގިވަޑައިގެންނެވި ނަަމަ އެ ބައްދަލުވުމުގެ ފަހުން ގުޅުން އިތުރަށް ކުރިއަށް ނުދާނެކަން ކަަށަަވަރު ކުރެއްވީހެވެ."
އެ ބަޔާނުގައިވާ ގޮތުން، ނިއުޔޯކްގައި ހުންނަ އެޕްސްޓީންގެ ގޭގައި ވަހީދު، އޭނާއާ ބައްދަލުކުރެއްވީ ދެފަހަރު އެވެ.
ފުރަތަމަ ފަހަރަކީ ވަހީދުގެ އޮފީހުގެ ދިފާއުގެ ބަޔާނުގައިވާ ގޮތުން، ސެޕްޓެމްބަރު 23، 2012 ގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅަކަށް، އެހެން ބައެއް ސިޔާސީ ބޭފުޅުންނާ ވެސް އެކުގައި ވަޑައިގެންނެވި ފަހަރެވެ. ދެވަނަ ފަހަރަކީ މެއި 18، 2014 ގައި ބޭއްވެވި ކުރު ބައްދަލުވުމެކެވެ. އެ ފަހަރު އަރިހުގައި ވަޑައިގެންނެވި ކަަމަށް ބަޔާނުގައި އޮތީ ދަރިކަލުން ޖެފްރީ ސާލިމް ވަހީދެވެ.
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައި އެމަނިކުފާނުގެ އޮފީހުން މިފަދަ ބަޔާނެއް ނެރުއްވި އިރު އެޕްސްޓީން ފައިލްސް އިން އެނގޭ ގޮތުގައި ވަހީދު ވަނީ އެޕްސްޓީންއާ އެކު ވަރަށް ގާތް ގުޅުމެއް ބާއްވަވާފަ އެވެ. އެގޮތުން ރައީސެއްގެ ހައިސިއްޔަތުން އެހެން ގައުމެއްގެ އާއްމު ރައްޔިތަކަށް ދީގެން ނުވާނެ ބައެއް މައުލޫމާތު ވެސް އެމަނިކުފާނު ވަނީ އެޕްސްޓީންއާ ހިއްސާކުރައްވަފަ އެވެ.
ކުޑަކުދިންނާ ބެހުމުގެ އިތުރުން ވެސް ޖިންސީ އެތައް ކުށެއްގެ މައްސަލައިގައި ޖަލަށް ލާފައި ވަނިކޮށް މަރުވި އެޕްސްޓީންއާ ގުޅޭ ކަންކަން އާންމުންގެ ސަމާލުކަމަށް މި ފަހަރު އައީ އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން މިދިޔަ ހުކުރު ދުވަހު އާންމު ކުރުމުންނެވެ.
އެ މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދާއި އެޕްސްޓެއިންގެ ގުޅުން 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އެހެންވެ، މިއީ އެޕްސްޓީންގެ މައްޗަށް 2008 ވަނަ އަހަރު ޖިންސީ ކުށުގެ ތުހުމަތުކޮށް، ޖަލަށް ލައި އެތައް މަހެއް ވަންދެން ބަންދުގައި ހުރުމަށް ފަހު ދޫކޮށްލި ފަހުން ބޭއްވި ގުޅުމެކެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވަހީދު އެތައް މެއިލްއެއް ފޮނުއްވާފައި ވާއިރު، އެޕްސްޓެއިން އެންމެ ފާހަގަކޮށްލެވޭ އެއް އީމެއިލަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ ފޮނުއްވި މެއިލް އެކެވެ.
"އިންތިހާބު މިވީ ކުރިން ލަފާކުރި ވަރަށް ވުރެ މާ އުނދަގޫ ކަމަކަށް. އިންޑިއާއިން ދަނީ އިންތިހާބަށް ނުފޫޒު ފޯރުވަމުން، އަދި ނަޝީދު ފުރަތަމަ ބުރު ވަގަށް ނަގަން އެ ގައުމުން ވަނީ އެހީވެފައި،" އެ އީމެއިލްގައި ވަހީދު ވިދާޅުވެފައިވެ އެވެ.
މީގެ ތެރެއިން އެއް މެއިލްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިންތިހާބުގައި "ރަނގަޅު ފިލާވަޅެއް" ދޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. ވަހީދު އެ މެއިލްގައި ވިދާޅުވެފައި ވަނީ މައުމޫން ޖެހޭނީ ރިޓަޔާ ކުރައްވައިގެން ދުރުގައި ހުންނަވަން ކަމަށެވެ.
މީގެ އިތުރުން 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ސަލާމަތްވާނެ ކަމަށް ނުބެލެވޭ ކަމަށާއި އެކަމަކު ނަޝީދަށް އިންސާފުވެރި ޝަރީއަތެއް ލިބިދޭންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައިވެ މެއިލް ހިމެނެ އެވެ.
މެއިލްތަކުން އެނގޭ ގޮތުގައި ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ރާއްޖޭގެ ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތް އެޕްސްޓެއިންއާ ގުޅިގެން ކުރިއަށް ގެންދަވަން ވަހީދު އުޅުއްވި އެވެ. އަދި އެކަމާ ގުޅޭ ފީޒިބިލިޓީ ރިޕޯޓެއް ހަދައި ހިއްސާކުރެއްވި އެވެ.
އާއްމުކޮށްފައިވާ އީމެއިލް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު ވަނީ އެޕްސްޓީންއާ އެކު ގާތްގުޅުމެއް ބާއްވަވައި، އޭނާ އަކީ ބޮޑެތި ކަންކަމުގައި އިރުޝާދު ހޯއްދަވާ ވަރުގެ ގާތް މީހެއްގެ ގޮތުގައި ގެންގުޅުއްވައިފަ އެވެ.
އެ މުއާމަލާތްތަކުގައިވާ ގޮތުން ވަހީދު، އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ބޮޑެތި ކަންްތައްތަކުގެ ތެރޭގައި ރާއްޖޭގެ މާލީ ކަންކަމާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ސްޓެރެޓެޖީ ހިމެނެ އެވެ.
މީގެ ކުރިން ހާމަކުރި އީމެއިލްތަކުން އެނގޭ ގޮތުގައި އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަން، 2012 ވަނަ އަހަރު ވަހީދު އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގައި އެޕްސްޓީންއާ ސީދާ ބައްދަލުކުރެއްވި އެވެ. އޭގެ ފަހުން އެ މަނިކުފާނު އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ފުރަތަމަ ކަމަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަރައިފާނެ ގޮތަކަށް، އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހުށަހެޅުއްވި ހަތަރު ބިލިއަން ޑޮލަރު އެކުލެވޭ ޕްރޮޕޯސަލެއްގެ ކަންތަކެވެ.
އެމެރިކާ އާއި އެކި ގައުމުތަކުގެ ސިޔާސީ ބާރުވެރި ފަރާތްތަކާއި ސެލެބްރިޓީންނާ ގާތް ގުޅުމެއް އޮތް މުއްސަނދި ފައިނޭންސަރެއް ކަމަށްވާ އެޕްސްޓީން އެތައް ސަތޭކަ ކުދިންނަކަށް ޖިންސީ އަނިޔާތައް ދީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންދިޔަކަން 2005 ވަނަ އަހަރު ހައްޔަރުކުރި އެވެ.
އަދި ފަހުން ދޫކޮށްލާފައި ހުރުމަށް ފަހު އަނެއްކާވެސް 2019 ވަނަ އަހަރު ހައްޔަރުކުރި އެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވުމުން ޖަލަށްލިތާ މަހެއްހާ ދުވަސް ފަހުން އެ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވަނީ ޖަލުގައި މަރުވެފައި އޮއްވައި ފެނިފަ އެވެ.
އޭގެ ފަހުން ވަނީ، އެޕްސްޓީންގެ ޖަރީމާތަކަށް އެހީވި ކަމުގެ ކުށުގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ގިލައިން މެކްސްވެލް ހައްޔަރުކޮށް އަދި ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލައިފަ އެވެ.