ރަޝިޔާގެ ތެޔޮ ގަތުން އިންޑިއާއިން ހުއްޓާލަން ނިންމިކަން އަންގާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައި ވިޔަސް އިންޑިއާއިން ރަޝިޔާއަށް އެފަދަ ކަމެއް އަންގާފައި ނުވާ ކަމަށް ރަޝިޔާއިން މިއަދު ބުނެފި އެވެ. 

ރަޝިޔާގެ ތެޔޮ އިންޑިއާއިން ގަތުމަކީ ޔުކްރެއިނާ ދެކޮޅު ހަނގުރާމައަށް އިންޑިއާއިން އެހީވެ ތާއީދުކުރުން ކަމަށް ވިދާޅުވެ ޓްރަމްޕު ވަނީ މިދިޔަ އަހަރު އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް ނަގަން ނިންމަވައިފަ އެވެ. އަދި އޭގެ އިތުރުން އެމެރިކާއިން އަލަށް ކަނޑައެޅި 25 ޕަސެންޓުގެ ރޭޓާ އެކު 50 ޕަސެންޓާ ހަމައަށް އިންޑިއާގެ މުދަލުން ޓެރިފް ނަގަ އެވެ. 

އެކަމަކު ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލާނެކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންގަވާފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕު އިއްޔެ ވަނީ އިންޑިއާއާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އިންޑިއާގެ މުދަލުން ޓެރިފް ކުޑަކުރުމާ އެކު، ރަޝިޔާގެ ތެލާ ގުޅިގެން ނަގާ 25 ޕަސެންޓް ޓެރިކް ކަނޑާލާނެ ކަމަށް އިއުލާނުކުރެއްވި އެވެ. 

"މިކަމާ ބެހޭ ގޮތުން މިހާތަނަށް އަދި އިންޑިއާއިން ވަކި ގޮތަކަށް އަންގާފައެއް ނެތް،" ރަޝިޔާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ނޫސްވެރިންނަށް ވިދާޅުވި އެވެ. 

ޓްރަމްޕު ވިދާޅުވެފައިވަނީ އިންޑިއާގެ ނިންމުމާ އެކު، އެ ގައުމުގެ މުދަލުން 25 ޕަސެންޓުގެ ޓެރިފް 18 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ. 

ޓްރަމްޕުގެ މި ނިންމެވުމަށް ޝުކުރު އަދާކުރައްވައި މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޓްރަމްޕާ އެކު ފޯނުން ދެކެވުނީ ވަރަށް އުފެއްދުންތެރި ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމާ ބެހޭ ގޮތުން މޯދީ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. 

އިންޑިއާއަށް 2024 ވަނަ އަހަރު އެތެރެކުރި ސާފު ނުކުރާ ތެލުގެ 36 ޕަސެންޓް ހިއްސާ ކުރަނީ ރަޝިއާ އެވެ. ނަމަވެސް ރައީސް ޓްރަމްޕް އިންޑިއާގެ މުދަލުން ޓެރިފް ބޮޑުކުރުމާ އެކު ރަޝިޔާގެ ތެލުގެ އިމްޕޯޓް އިންޑިއާއަށް 38 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓްރީއާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުގައި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ވަނީ މެދުކެނޑުމެއް ނެތި އިންޑިއާއަށް ތެޔޮ ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ