މާލޭގެ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރަށް ތިލަފުއްޓަށް ބަދަލުކުރަން ކުރާ މަސައްކަތުގެ ފުރަތަަމަ ފިވަހި ޗައިނާގެ ޗައިނާ ހާބާ އިންޖިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމްޕީއެލް އިން މިއަދު ސޮއިކޮށްފި އެވެ.

އެމްޕީއެލްގެ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ. ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކަންޓްރީ މެނޭޖަރު މާއޯބާއޯ އެވެ.

އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީނިއާ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު މުހައްމަދު އައިމަން ހުށަހެޅުއްވި ޕްޒެންޓޭޝަނެއްގައިވާ ގޮތުން "ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް"ގެ ނަމުގައި އެމްޕީއެލް އިން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ތޮއްޖެހުން ކުޑަކުރުމެވެ. އެއާއެކު، ވިޔަފާރިތަކަށް މިހާރަށް ވުރެ ލުއި ގޮތްތައް ހޯދައިދީ، ބަނދަރުން ދޭ ހިދުމަތްތައް އަވަސްކުރުމަކީ ވެސް އެ ޕްރޮޖެކްޓުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އައިމަން ވިދާޅުވި ގޮތުގައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ޕްރޮޖެކްޓް ހިންގާނީ އެމްޕީއެލްއަށް ތިލަފުށިން ހޯދާފައިވާ 20 ހެކްޓަރުގެ ބިމެއްގަ އެވެ.

ސީއެޗްއީސީއާ މިއަދު ހަވާލުކުރީ 125 މީޓަރުގެ މަގަތުފާލަމަކާއި އަތޮޅުތަކަށް މުދާ އުފުލާ ބޯޓްފަހަރު ގާތްކުރާނެ ސަރަހައްދަކާއި ކޮންޓެއިނަރުތައް ބަހައްޓާނެ ޖާގައާ އެކު ތަަރައްގީކުރާ ސަރަހައްދެއްގެ މަސައްކަތެވެ. ބަނދަރުގައި ހަރުކުރާ ކްރޭން ބެހެއްޓުުން ވެސް އެ ޕްރޮޖެކްޓްގައި ހިމެނޭނެ އެވެ. 

އޭނާ ވިދާޅުވީ ޗައިނާގެ ކުންފުންޏާ މިއަދު ހަވާލުކުރީ އެ މަސައްކަތަށް ބޭނުންވާ ސާވޭ އާއި ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށެވެ.

"ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓޭ މި ދަންނަވަނީ، މި އިންޓަނޭަޝަނަލް ކީގެ އިތުރަށް މިހާރު މާލޭގެ ނޯތު ހާބަރު، ސައުތު ވެސްޓް ޖެޓީގައި ބަނދަރުކޮށް މުދާ އަރުވާ ބާލަން ބޭނުންކުރާ ހުރިހާ ބޯޓުފަހަރުތައް މުދާ ނެގުމަށް ޓަކައި އަޅުގަނޑުމެން މި ޑޮމެސްޓިކް ހާބާ، 650 މީޓަރުގެ ކީގެ ސަރަހައްދެއް މިތާނގައި އެބަ ޑިވެލޮޕްކުރަން،" ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ތަފްސީލު ދެއްވަމުން އައިމަން ވިދާޅުވި އެވެ.

ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް މުޅިން ނިމޭއިރު އެ ތަނުގައި ބޮންޑެޑް ވެއާހައުސްއެެއް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިމަން ވިދާޅުވި ގޮތުގައި ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ފުރަތަމަ ފޭސް ނިމުމުން، އާގުބޯޓެއް ހުސްކުރަން ހޭދަވާނީ 48 ގަޑި އިރެވެ. ބޯޓެއް ހުސްކުރަން މިހާރު ފަސް ދުވަސް ނުވަތަ ހަ ދުވަސް ހޭދަވެ އެވެ. 

ތިލަފުށީގައި ވިޔަފާރިބަނދަރު ތަރައްގީކުރާނެ ގޮތުގެ ޕްލޭން އެމްޕީއެލް އިން ދައްކާލަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ތިލަފުށީގައި ވިޔަފާރިބަނދަރު ތަރައްގީކުރާނެ ގޮތުގެ ޕްލޭން އެމްޕީއެލް އިން ދައްކާލަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

"މުޅި މި އޮޕަރޭޝަން ތިލަފުއްޓަށް ގެންދިއުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ، މާލެ ތޭރައި އޮތް ކާރޫބާރޫ ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލުއިކުރެވިގެންދާނެ، އަދި މާފަންނު ބަނދަރު ސަަރަހައްދުގައި މިހާރު މި ބޭނުންކުރާ އިމާރާތްތައް ވެސް ސަރުކާރަށް އެހެން ކަންކަމަށް ބޭނުންކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި މިއަދު ފާހަގަކުރެއްވި ގޮތަށް މާލޭ ވިޔަފާރިބަނދަރު ނޮވެމްބަރު 11، 2027 ގައި ބަދަލުކުރުމުގެ މަސައްކަތް ހާސިލްކުރުން ކަމަށެވެ.

ރިޝްވާން ވިދާޅުވި ގޮތުގައި އެމްޕީއެލްގެ ސީއީއޯގެ މަގާމަށް އޭނާ ވަޑައިގެންނެވި އިރު ވެސް އެކުންފުނީގެ ލީޑަޝިޕްގެ އެއް އުއްމީދަކީ އާ ބަނދަރެއް ތަރައްގީކުރުމެވެ. 

"އެއީ އަދި ވަކި ތަނެއް ކަނޑަނޭޅި ނަމަވެސް މި ބަނދަރު ނޫން އެހެން ބަނދަަރަކަށް އަޅުގަނޑުމެން ވާސިލުވާން އެބަ ޖެހޭ، މި ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިއަށް ވުރެ ފުރިހަމަށް ހިދުމަތް ދިނުމަށް ޓަކައި، އަޅުގަނޑުގެ އަޒުމަކަށް ވަރަށް ބޮޑަށް ވީ ލީޑަޝިޕްގެ، މެނޭޖްމަންޓްގެ ހުރިހާ ބޭފުޅުންނާ އެކުގައި މިކަމުގައި މަސައްކަތްކުރުމަށް،" ރިޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އޮފީހާއި މިނިސްޓްރީތަކުގައި އެކަމަށް ވަކާލާތުކޮށް، ރައީސަށް ތަފާތު އެކި ކަންކަން އެކަމާ ބެހޭ ގޮތުން ހުށަހަޅުއްވާފައި ވާނެ ކަމަށެވެ.

"އެއާ އެކު ރައީސްގެ ވަރަށް ބޮޑު އަހުމިއްޔަތު ކަމެއް މިކަމަށް ވަނީ ދެއްވާފައި،" ރިޝްވާން ވިދާޅުވި އެވެ.

ރިޝްވާން ވިދާޅުވި ގޮތުގައި ރިޔާސީ ބަޔާނުގައި ރައީސް އެކަން ހާމަކުރެއްވުމާ އެކު އެމްޕީއެލްގެ ލީޑަޝިޕާއި ހުރިހާ މުވައްޒަފުންގެ ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް ވަނީ އެޅިފަ އެވެ. މިއަދު މި މަސައްކަތް ފެށީ މާލޭ ވިޔަފާރިބަނދަރުގެ ޖާގަ ފަސްހެކްޓަރުން 10 ހެކްޓަރަށް ބޮޑުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.