ސިނަމާލެ ބްރިޖުގައި މާލެ އިން ހުޅުމާލެއަށް ދާ ފަޅީގެ ކާރު ލޭނުގައި އޮތް ކާރެއްގައި، ފަހަތުން އައި އެހެން ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް ރޭ އަނިޔާވެއްޖެ އެވެ. 

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ މާލެ އިން ހުޅުމާލެއަށް ދާ ފަޅީގައި ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި ފަހަތުން އައި އެހެން ކާރެއް ޖެހި، ކާރު ސައިކަލު ލޭނަށް އެނބުރިގެން ކަމަށެވެ. އެ ވަގުތު ސައިކަލު ލޭނުން ދުއްވާފައި ދިޔަ ހަތަރު ސައިކަލެއް ކާރުގައި ޖެހި އެކްސިޑެންޓުވި ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ރޭ ދަންވަރު 12:24 ހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. 

އަައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ކަމަށެވެ. އޭނާ އަށް ފަރުވާދެމުން އަންނަނީ އިމަޖެންސީ ރޫމުގައި ކަމަށް ވިދާޅުވި ނަމަވެސް އެ މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެއްވަ އެވެ. 

ދެން އަނިޔާވީ އުމުރުން 23 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސްފައިވާ ކަމަށާއި އެކަމަކު ހާލު ސީރިއަސް ނޫން ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ. 

އެ އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެމީހުންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. 

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި އެއް ކާރުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުންވެ، އަނެއް ކާރުގެ ކުރީކޮޅު އެއްކޮށް ހަލާކުވެފަ އެވެ.