މާލޭގެ ބަރުބަރީ މިސްކިތް އަންނަ ހޯމަ ދުވަހުގެ އަސްރު ނަމާދަށް ރަސްމީކޮށް ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

ތިން ބުރިއަށް އިމާރާތްކޮށްފައިވާ އެ މިސްކިތަކީ 1400 މީހުންގެ ޖާގަ އޮންނާނެ އެވެ. 

މަޖީދީމަގުން، ރަށްދެބައި މަގުގައި ހުންނަ ބަރުބަރީ މިސްކިތް ތަޅާލައި، އެ ބިމުގައި ތިން ބުރީގެ އާ މިސްކިތެއް އަޅަން "އަލިސާފު" ކުންފުންޏާ ހަވާލުކުރީ ޑިސެމްބަރު 2024 ގަ އެވެ. 

މިނިސްޓަރު ޝަހީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލެ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ކަމަށެވެ. 

އެ މަސައްކަތުގެ ދަށުން ވިލިމާލޭގެ މަސްޖިދުއްސަލާމް އާއި މާލޭގެ ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތް ވެސް ރޯދަ މަސް ނިމުމުން ފަށާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ރޯދަ މަސް ކައިރިވެފައި އޮތުމުން އެ މިސްކިތްތައް ތަޅާނުލައި މަސައްކަތް ފެށުން ލަސްކޮށްލާފައި ވަނީ އާންމުންނަށް ދިމާވެދާނެ ދަތިތަކާ ހުރެ އެވެ. 

ޝަހީމް ވިދާޅުވީ އެ ދެ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސްޕަންސާ ލިބިފައިވާ ކަމަށެވެ. އެ މިސްކިތްތައް ތަޅާލުމުން ދެން މާލޭ ސަރަހައްދުގައި ބާ މިސްކިތަކަށް ހުންނާނީ ހެންވޭރު އަފީފުއްދީން މިސްކިތް އެކަނި ކަަމަށާއި އެތަނަށް ވެސް އެހީ ހަމަޖެހިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ވެސް ކުރަމުން އަންނައިރު އެ މިސްކިތް އަންނަ އަހަރު ރޯދައަށް ނިމޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.