ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން މާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް ތާރު އަޅައި ނިންމާލައިފި އެވެ. 

ބޮޑުތަކުރުފާނު މަގުގައި އަލުން ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ އެވެ. 

އެ މަގު ފުޅާކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށިއިރު އެންމެ ފުރަތަމަ ފިޔަވަހީގައި ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖެއްސުމުގެ އިތުރުން އެ މަގު ހަތަރު ލޭނަކަށް ފުޅާކޮށް، އެ މަގުގައި ތާރު އަޅައިފަ އެވެ. 

އެ މަސައްކަތް ނިންމާލުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ދެވަނަ ފިޔަވަހީގެ ދަށުން ވަޅޯމަސް މާރުކޭޓު ނުވަތަ ސޯލްޓް ރެސްޓޯރަންޓު ކައިރިން ނޯތު ހާބަރާ ހަމައަށް ތާރު އަޅައި އެއްގަމުތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ފަށައިފަ އެވެ. 

އެ މަގުގެ ގާތައް ނަގައި، ފުޅާކުރުމަށްފަހު ރޭ މަގުގައި ތާރު އަޅަން ފަށާފައިވާއިރު މިހާރު ވަނީ އެއްކޮށް ތާރު އަޅައި ނިންމާލައިފަ އެވެ. މިވަގުތު ކުރިއަށް ދަނީ އެއްގަމު ތޮށީގެ މަސައްކަތްތަކެކެވެ. 

ބާޒާރު މަތީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައި. ފޮޓޯ: މިހާރު
ބާޒާރު މަތީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައި. ފޮޓޯ: މިހާރު

ބޭރު މަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެއީ 455 ދުވަސް ތެރޭ ނިންމަންޖެހޭ މަޝްރޫއުއެކެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ނިންމާފައިވަނީ ތާރު އެޅުމުގެ މަސައްކަތް އަންނަ ރޯދަމަހުގެ ކުރިން ނުވަތަ މި މަހުގެ 13 އަށް މަސައްކަތް ނިންމުމަށެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަސް ފެށެނީ މި މަހުގެ 18ގަ އެެވެ. 

އެމްޓީސީސީން ކުރިން ބުނި ގޮތުގައި ކާރޫބާރު ބޮޑު އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީވުމުން އުޅަނދު ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ.