އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ އަތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ހޯދި މައްސަލާގައި ހައްޔަރުކުރި ހަސަން ސަހެޝަން ކުށަށް އިއުތިރާފުވުމުން، އޭނާގެ މައްޗަށް ލުއި އަދަބެއް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ސަހެޝަންގެ މައްޗަށް ދައުލަތުން ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގައި ބައިވެރިވުމުގެ ދައުވާ އަދި ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް ފަށައި އަޑުއެހުންތައް ކުރިއަށް ދަނިކޮށް އޭނާ ވަނީ ކުށަށް އިއުތިރާފުވެ ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ.
އޭނާ ކުށަށް އިއުތިރާފުވީ ހެކިބަސް ނެގުމުގެ މަރުހަލާގައި އޮއްވަ އެވެ. އެހެންވެ، ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ އެއްބަސްވުން ބަލައިގަނެ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ނިންމައިފަ އެވެ.
ސަހެޝަންއާ އެކު ދައުލަތުން ހެދި އެއްބަސްވުމުގައިވާ ގޮތުން ކުށަށް އިއުތިރާފުވުމުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި ބައިވެރިވުމުގެ ދައުވާ ވަނީ އަނބުރާ ގެންގޮސްފަ އެވެ. އަދި ފޭރުމުގައި ބައިވެރިވުމުގެ ދައުވާގެ އަދަބަކަށް އެއްބަސްވެފައިވަނީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމަކާއި 61،000ރ.ގެ ޖޫރިމަނާއެކެވެ. އަދި ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހުރި މުއްދަތު ޖަލު އަދަބުން އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބެއް ނެތެވެ.
ކްރިމިނަލް ކޯޓުން މިއަދު ސަހެޝަންގެ މައްޗަށް ހުކުމް އިއްވީ އެއްބަސްވުމުގައި އޮތް ގޮތަށެވެ.
ސަހެޝަން ކުށަށް އިއުތިރާފުވެފައިވާއިރު، އެ މައްސަލާގައި ދެން ހައްޔަރުކުރި އަނެއް ތިން އިމިގްރޭޝަންގެ އޮފިސަރުން ވެސް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އެގޮތުން އޮފިސަރު އިބްރާހިމް އަހުމަދު ކުށަށް އިއުތިރާފުވުމުން އިއްވީ 11 މަހުގެ ޖަލު ހުކުމެކެވެ.
އިމިގްރޭޝަންގެ އޮފިސަރު އަހުމަދު ލައްސާންގެ މައްޗަށް ނުވަ މަހުގެ ޖަލު ހުކުމެއް އިއްވިއިރު، އޮފިސަރު މުހައްމަދު އަލްސަން އިސްމާއިލްގެ މައްޗަށް އިއްވީ ދެ މަހުގެ ޖަލު ހުކުމެކެވެ.
އެ އޮފިސަރުން ހައްޔަރުކުރީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާނާއެކު މިދިޔަ އަހަރު އެވެ. ޝައްމާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދާއިރު އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
ދައުލަތުން ތުހުމަތު ކުރަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮޕަރޭޝަން ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ، އެ ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުން ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.