ސްޓެލްކޯ އިމާރާތަކަށް ވަގަށް ވަދެ މުރަނގަފަތް ބިންނަން އުޅުނު މީހަކު ހައްޔަރުކޮށް، ބަންދު ޖަހައިފި އެވެ.
ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމާއި ވައްކަން ކުރުމުގެ ތުހުމަތުގައި އިއްޔެ ފުލުހުން ހައްޔަރުކުރީ 45 އަހަރުގެ މީހެކެވެ. އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ފަސް ދުވަސް ދީފައިވަނީ އޭނާގެ ފުށުން މުޖުތަމައުއަށް ނުރައްކާވެދާނެތީ ކަމަށް ބުނެ އެވެ.
އޭނާ ހައްޔަރުކުރީ ބޮޑުފެންގަނޑު މަގުގައި ހުންނަ ސްޓެލްކޯގެ ސަބް ސްޓޭޝަނަކަށް ވަދެ އުޅެނިކޮށެވެ.
މީގެކުރިން ވެސް އެކި ފަހަރު މަތިން ބަންދުކުރި ކަމުގެ ރެކޯޑް އޮތް މީހާ އިއްޔެ ބަންދު މަޖިލީހުގައި ބުނެފައިވަނީ އޭނާ ސްޓެލްކޯގެ އިމާރާތަށް ވަދެފައިވާނެ ކަމަށާއި އެތަނަށް ވަނީ މުރަނގަފަތް ބިންނަން ކަމަށެވެ.
އޭނާ ވަނީ ދިފާއުވާން ގާނޫނީ ވަކީލެއް ވެސް ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ، ކޯޓުން އެކަމަށް ފުރުސަތު ދީފައިވެ އެވެ.