ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދުން ތާރު އަޅައިގެން އަލަށް ހެދި ބައި ދެކޮޅަށް ދުއްވޭ ގޮތަށް ރޭ ހުޅުވައިފި އެވެ.

 ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގު ޗާންދަނީމަގުން ފެށިގެން ފާލަންދޮށު ހިނގުމާހަމައަށް ދެކޮޅަށް ދުއްވާގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު މަގު ބޭނުންކުރާ މީހުންނަށް ދަތިނުވާ ގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. 

"ބޯޓުފަހަރަށް މުދާއަރުވާ ބޭލުމުގައި ޑަބަލްކޮށް މަޑު ނުކުރުމާއި ބޯޓުފަހަރަށް އަރުވާ ބާލާ މުދާ މަގުމަތީގައި ނުބެހެއްޓުމާއި މަގުމަތީގައި ޕެލެޓް ނުބެހެއްޓުމާއި، ރައްކާތެރި ދުވެލީގެ މިންގަޑާއި ހިލާފަށް ނުދުއްވުމާއި، ގަވާއިދާއި ހިލާފަށް ޕާކްކުރުން ފަދަ ކަންތައް ނުކުރުމަށް ދަންނަވަމެވެ." ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުންޏެވެ.

މަސައްކަތް ފެށިތާ ދެ މަހެއްހާ ދުވަސް ތެރޭ ނިންމައި މަގު ހުޅުވާލީ ރޭގެ ވަގުތެއްގަ އެވެ. އެ މަގު އާންމުންނަށް ހުޅުވާލުމުގެ ކުރިން އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފައިވެ އެވެ. 

ބޮޑުތަކުރުފާނު މަގުގެ އަލަށް ހުޅުވި ސަރަހައްދުގައި ވެހިކަލް ދުއްވާއިރު މީހަކު މަގު ހުރަސްކުރަނީ. -- މިހާރު ފޮޓޯ/ނިޝާން އަލީ
ބޮޑުތަކުރުފާނު މަގުގެ އަލަށް ހުޅުވި ސަރަހައްދުގައި ވެހިކަލް ދުއްވާއިރު މީހަކު މަގު ހުރަސްކުރަނީ. -- މިހާރު ފޮޓޯ/ނިޝާން އަލީ

އާންމުންނަށް މަގު ހުޅުވާލިޔަސް އަދި ރަސްމީކޮށް އަދި ނުހުޅުވަ އެވެ. 

އެމްޓީސީސީއާ ހަވާލުކޮށްގެން ބޮޑުތަކުރުފާނު މަގުގައި އަލުން ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ މަސައްކަތް ނިންމާލީ މިދިޔަ ބުދަ ދުވަހު އެވެ.  

އޭގެ ކުރިން ވަނީ އެމްއެމްއޭއާ ހިސާބުން ޖުމްހޫރީ މައިދާން ނިމޭ ހިސާބަށް މަގު ހަދައިފަ އެވެ. 

ބޭރު މަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.