މީހަކު މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.
މަރުގެ އިންޒާރު ދިނުމުގެ ކުށުގައި ފުލުހުން ހައްޔަރުކުރީ ހ. ލާލުގޭ، އަހުމަދު ފައިރިޝް އެވެ. އޭނާ ހައްޔަރުކޮށް ބަންދު މުއްދަތު މަޖިލިހަށް އިއްޔެ ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފަ އެވެ.
އަމުރުގައިވާ ގޮތުން ކުށުގެ ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ލިބިފައިވެ އެވެ. އެގޮތުން ހުށަހެޅިފައިވާ ހެއްކެއްގެ ބަޔާނުން އެނގޭ ގޮތުގައި ފައިރިޝް ވަނީ މީހަކަށް އަނިޔާ ދޭނެ ކަމުގެ އިންޒާރުދީފަ އެވެ.
ނަމަވެސް، އޭނާ މަރުގެ އިންޒާރު ދީފައިވަނީ ކާކަށް ކަމެއް ސާފެއް ނުވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން ފައިރިޝްއަކީ އެކި ބާވަތްތަކުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ތުހުމަތުގައި ކުރިން ވެސް ހައްޔަރު ކޮށްފައިވާ މީހެކެވެ.
އޭގެ ތެރޭގައި އިންޒާރުދިނުމާއި އަނިޔާދީ، މާރާމާރީ ހިންގުމުގެ މައްސަލަތައް ހިމެނެ އެވެ.