ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވަން "ދޮރުންދޮރަށް" ޕްރޮގްރާމް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިފި އެވެ.  

ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް މުއިއްޒު މިއަދު މެންދުރު ވަނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައި ގިނަ ބަޔަކާ ބައްދަލުކުރައްވާފައި ކަމަށް އެ ޕާޓީން ބުންޏެވެ. 

ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް މިއަދު މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ކުރެއްވި ޒިޔާރަތުގައި އެމްޑީޕީ ސަރުކާރުގައި އައިލެންޑް އޭވިއޭޝަންގެ ޑީއެމްޑީ ޖެނިފާއާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީއެންސީ

ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީ ތަމްސީލް ކުރައްވާ ބައެއް މެމްބަރުން ގޭގެ އަށް ވަޑައިގަތެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާފައިވާ މޫސާ އަލީ ޖަލީލް ވެސް ރައީސް މުއިއްޒުގެ އަރިހުގައި ގޭގެ އަށް ވަޑައިގެން ކެމްޕެއިން ކުރެއްވި އެވެ. 

ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް މިއަދު މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ކުރެއްވި ޒިޔާރަތުގައި މީހަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް މިއަދު މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ކުރެއްވި ޒިޔާރަތުގައި މީހަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ލީޑަޝިޕުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައީސް މާލޭގެ އެކި އަވަށްތަކުގެ ގޭގެ އަށް ވަޑައިގެން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. 

ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް މިއަދު މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ކުރެއްވި ޒިޔާރަތުގައި މީހެއްގެ ވާހަކަތައް އަޑުއައްސަވަނީ.---ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް މިއަދު މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ކުރެއްވި ޒިޔާރަތުގައި މީހެއްގެ ވާހަކަތައް އަޑުއައްސަވަނީ.---ފޮޓޯ: ޕީއެންސީ

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ރައީސް ވަނީ އޭރުގެ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ގޭގެ އަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ. އެ ފަހަރުގެ އިންތިހާބުގައި ސުޕަމެޖޯރިޓީ ނެގީ އެ ޕާޓީންނެވެ. 

އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެފައި ވަނީ އެ ޕާޓީން މަދުވެގެން 800 ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލް ގޮނޑިތަކުގެ ތެރެއިން އިންތިހާބަކާ ނުލައި ޕީއެންސީން މިހާރު ވެސް 69 ގޮނޑި ކާމިޔާބު ކޮށްފައިވާކަން ފާހަގަ ކުރައްވަމުން ފަލާހު މި ހަފުތާގައި ވިދާޅުވީ އެ ދެ އިންތިހާބުގައި ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ.