މާލޭތެރޭގައި ދިރިއުޅޭނެ ތަނެއް ނެތި، މަގުމަތީގައި ކުށް ކުރުމުގައި އުޅޭ މީހަކު، އޭނާގެ އުފަން ރަށަށް ބަދަލު ކުރެވޭނެ ގޮތަށް އިންތިޒާމް ހަމަޖައްސަން ފުލުހުންނަށް ކްރިމިނަލް ކޯޓުން އިރުޝާދު ދީފި އެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ތެރެއަށް ވަދެ އެ ތަނުން ވައްކަމުގެ ތުހުމަތުގައި އިއްޔެ ވަނީ ޅ. ކުރެންދޫ ބޮޑުގަސްދޮށުގޭ، އަބްދުﷲ ޝަރީފު ހައްޔަރުކޮށްފަ އެވެ.
އޭނާ ފެނިފައިވަނީ ރޯދަމަހުގެ ދުވާލު ކާން އިންދަ އެވެ. އޭރު އޭނާ ކައިރީގައި ރޫޅާލާފައި އޮތް އޭސީ އައުޓްޑޯ ޔުނިޓަކާއި އެކަމަށް ބޭނުންކުރާ ސާމާނު ހުއްޓެވެ.
ޝަރީފުއާ ފުރަތަމަ ސުވާލުކުރުމުން ބުނެފައިވަނީ ވަރުބަލިވެގެން މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ތެރެއަށް ވަނީ ކަމަށެވެ. އެކަމަކު ފަހުން އިތުރު ދެ މީހަކާ އެކު، ވައްކަން ކުރަން ވަނީ ކަމަށް އެއްބަސްވި އެވެ. އެކުގައި އެކަމުގައި އުޅުނު މީހުން ފިލާފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ޝަރީފު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުގައި ތަކުރާރުކޮށް ބުނީ، އެ ތަނަށް ވަނީ ވަރުބަލިވެގެން ކަމާއި ވައްކަން ކުރި ކަމަށް އިންކާރު ކުރާ ކަމަށެވެ. ނަމަވެސް، ވައްކަމުގެ ތުހުމަތުވާ މިންވަރަށް ޝަރީފުގެ މައްޗަށް ހެކި ލިބިފައިވާތީ ކޯޓުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން ޝަރީފަށް ތުހުމަތު ކުރެވޭ ކަންކަމާއި ހައްޔަރާއި ބަންދު އިންތިހާ އަށް ގިނަ އެވެ. އޭނާއަށް ޝަރީއަތުން ނަސޭހަތްތެރިވުމުން، އަސަރާ އެކު އޭނާގެ ހާލަތު ކިޔައިދީފައިވާ ކަމަށް ވެސް އަމުރުގައި ގާޒީ ސޮފްއަތު ހަބީބު ލިޔުއްވާފައިވެ އެވެ.
ޝަރީފު ދިރިއުޅޭނެ އެއްވެސް ބޯހިޔާވަހިކަމެއް އަދި ވަޒީފާއެއް ވެސް ނެތް ކަމަށާއި ނިދަނީ ވެސް މަގުމަތީގައި ނޫނީ ޖޯލިފަތީގައި ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭނާ ރަށަށް ބަދަލުވާން އެދިގެން މީގެ ކުރިން ވެސް ފުލުހުން އެ ފުރުސަތު ފަހިކޮށްދީފައިވެ އެވެ. އެކަމަކު، މިހާރު އަނެއްކާވެސް އޭނާއަށް އަމިއްލައަށް ރަށަށް ބަދަލު ނުވެވިގެން އުޅޭ ކަަމަށް އޭނާ ވަނީ ކޯޓުގައި އިއްޔެ ބުނެފަ އެވެ. އެއީ، އޭނާ ޖޯއްޔެއްގައި ނިދާފައި އޮއްވާ ޖީބު ކީހާލައިގެން ފޯނާއި ފައިސާތައް ފޭރިގެންފައިވާތީ ކަމަށް ބުނެ އެވެ.
ޝަރީފުގެ އެ ހާލަތަށް ރިއާޔަތްކޮށް، ފުލުހުންގެ އިންތިޒާމްތަކުގެ ތެރެއިން އޭނާ ބަންދުގައި ބަހައްޓާ ތަން އުފަން ރަށް ހިމެނޭ ތަނަކަށް ބަދަލު ކުރެވިއްޖެ ނަމަ، އޭނާ ރަށަށް ބަދަލުވުމުގެ ކަންކަން ހާސިލުވާނެ ކަން ގާޒީ ފާހަގަކުރެއްވި އެވެ.