މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗަށް އެދުމުގެ ފުރުސަތު އަންނަ ހަފުތާގައި ހަމަވާއިރު މިހާތަނަށް ގޯއްޗަށް އެދިފައި ވަނީ 1،633 މީހުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. 

މިދިޔަ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ. 

ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އޭޕްރީލް 17އާ ހަމައަށް ދީފައިވާއިރު ގޯއްޗަށް އެދުމުގެ ފަހު ފުރުސަތަކީ މާޗު 4 ވަނަ ދުވަހުގެ ރޭގަނޑު 11:59 އެވެ.

މީގެ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމުތަކޭ އެއްގޮތަށް މިފަހަރުގެ ސްކީމުގައި ވެސް އެންމެ ގިނަ ބަޔަކު ހުށަހަޅަނީ ފްލެޓަށެވެ. 

ހައުސިން މިނިސްޓްރީ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ފްލެޓަށް އެދި ޖުމްލަ 5،067 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެއީ ގޯއްޗަށް އެދި 1،633 އެޕްލިކޭޝަނާއި ފްލެޓަށް އެދި 3،434 ފޯމެވެ.

މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ އަދި މާލޭގެ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އޮތް އެ ސްކީމަށް އެދި ހުށަހެޅުމުގެ މަރުހަލާގައި 11،304 ފޯމެއް އެބަ އޮތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. 

ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ. 

ބޯހިޔާވަހިކަމަށް ހައްލެއް ހޯދަން މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަކު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ. 

މިހާރު ހުޅުވާލާފައިވާ ޕްރޮގްރާމުގައި އަނބިމީހާ ނުވަތަ ފިރިމީހާއަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ، އެ ސްކީމަކަށް ކުރިމަތިނުލެވޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އާ ޕްރޮގްރާމެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެ ޕްރޮގްރާމުގެ ދަށުން މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާނަމަ، އެ މީހުންނަށް ވަކިވަކިން ގޯތި ލިބޭނެ އެވެ. 

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އާ ޕްރޮގްރާމުގެ އުސޫލު ތައްޔާރުކުރުމުގެ މަސައްކަތް އެބަ ކުރިއަށް ދެ އެވެ. އަދި އަންނަ މަހުގެ ކުރީކޮޅު އެ ޕްރޮގްރާމަށް ހުޅުވާލެެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.