ހދ. ނޮޅިވަރަންފަރަށް ކަރަންޓްދޭން ހުރި ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް ޖެހުނު މައްސަލައަކާ ހެދި އޮ ރަށުން ކަރަންޓް ކެނޑިއްޖެ އެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 8:00 އެހާކަށް ހާއިރު އެރަށުން ކަރަންޓް ކެނޑުނީ އެރަށަށް ކަރަންޓްދޭން ފެނަކައިގެ އިންޖީނުގޭގައި ބަހައްޓާފައި ހުރި ދެ ޖަނަރޭޓަރުގެ ތެރެއިން 800 ކިލޯވޮޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ހެދި އެ ޖަނަރޭޓަރު ނިއްވާލަން ޖެހުމުންނެވެ. އިންޖީނުގައި ދެން ހުރީ އޭނާ ވިދާޅުވި ގޮތުގައި 400 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ.
"އެ ޖަނަރޭޓަރުން މުޅި ރަށަށް ކަރަންޓް ދެވޭ ވަރެއް ނުވޭ. 800 ކިލޯވޮޓްގެ ޖަނަރޭޓަރު މަރާމާތުކުރުމުގެ މަސައްކަތް ފެނަކައިން އަންނަނީ ކުރަމުން،" ނަދީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 400 ކިލޯވޮޓްގެ ޖަނަރޭޓަރު ހިންގައިގެން، ރަށުގެ އެކި ސަރަހައްދުތަކަށް އެކި ފަހަރު މަތިން ކަރަންޓް ދޫކުރި ނަމަވެސް މުޅި ރަށަށް ކަރަންޓްދޭން އެ ޖަނަރޭޓަރު މާ ކުޑަ އެވެ. އެހެން ނަމަވެސް ބެކަޕް ޖަނަރޭޓަރެއް ބޭނުންކޮށްގެން އެރަށުގެ ސިއްހީ މަރުކަޒަށް ކަރަންޓް ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ކުރިއަށްދާ ޖީސީއީ އޯލެވެލް އިމްތިހާނު ހެދިއިރު ނޮޅިވަރަންފަރުގައި ކަރަންޓް ނެތް ނަމަވެސް، ވަކި ޖަނަރޭޓަރެއް ބޭނުންކޮށްގެން ސްކޫލަށް ކަރަންޓް ދިން ކަމަށް ވެސް ނަދީމް ވިދާޅުވި އެވެ.
"އިމްތިހާނު ކުރިއަށް ދިޔައިރު ސްކޫލަށް ކަރަންޓް ދީފައި ހުރީ ހަމަ ރަނގަޅަށް. އޭސީތައް ވެސް ހުންނާނީ ޖައްސާފައި،" އޭނާ ވިދާޅުވި އެވެ.
ނޮޅިވަރަންފަރަކީ އާބާދީގައި 1،200 އަށް ވުރެ ގިނަ މީހުން އުޅޭ ރަށެކެވެ.