ހދ. ނޮޅިވަރަންފަރަށް ކަރަންޓު ދޭން ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް ރަށަށް ކަރަންޓުދީފި އެވެ. 

އެ ރަށަށް ކަރަންޓުދޭ ފެނަކައިގެ އިންޖީނުގޭގައި ބަހައްޓާފައި ހުރީ 800 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި 400 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އޭގެ ތެރެއިން މައްސަލަ ދިމާވީ 800 ކިލޯވޮޓުގެ ޖަނަރޭޓަރަށެވެ. 

އާބާދީގައި 2000 އެއްހާ މީހުން އުޅޭ އެރަށަށް ބޭނުންވާ ވަރަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރުން ކަރަންޓު ފޯރުކޮށް ނުދެވި އިއްޔެ ހެނދުނު 8:00 ހާއިރު ފެށިގެން ރަށުން ކަރަންޓު ކެނޑި ގިނައިރުތަކެއް ވަންދެން ކަރަންޓު ނުލިބި ތިބެން ޖެހުނެވެ. 

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ރޭގެ ވަގުތެއްގައި ހައްލުކޮށް މުޅި ރަށަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި 400 ކިލޯވޮޓްގެ ޖަނަރޭޓަރު ހިންގައިގެން، ރަށުގެ އެކި ސަރަހައްދުތަކަށް އިއްޔެ ކަރަންޓު ދޭންޖެހުނީ އެކި ފަހަރު މަތިންނެވެ. ރަށުގެ ސިއްހީ މަރުކަަޒަށް ވެސް ކަރަންޓު ދޭން ޖެހުނީ ބެކަޕް ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ.

ޖީސީއީ އޯލެވެލްގެ އިމްތިހާނުގައި އިއްޔެ އޮތް ޓެސްޓު ހެދި ވަގުތަކީ ވެސް ރަށުގައި ކަރަންޓު ނެތް ވަގުތެއް ނަމަވެސް ވަކި ޖަނަރޭޓަރެއް ބޭނުންކޮށްގެން ސްކޫލަށް އެ ވަގުތު ކަރަންޓް ދިނެވެ.