މަސްމާރުކޭޓުން މަސް ވިއްކާ ގަޑިތައް ފަސޭހައިން އާންމުންނަށް އެނގޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން، ގޭގައި ތިބެގެން ފުވައްމުލައް ސިޓީގެ މަސްމާރުކޭޓް ވަގުތުން ބެލޭނެ އިންތިޒާމު އެ ރަށު ސިޓީ ކައުންސިލުން ހަމަޖައްސައި ދީފި އެވެ.
ފުވައްމުލަކުގެ "ސިޓީ ކޭމް" ލޭބަލްގެ ދަށުން އެ ރަށުގެ މަސްމާރުކޭޓުގެ މަންޒަރު ވަގުތުން ބަލާލެވޭނެ އިންތިޒާމު ސިޓީ ކައުންސިލުން އިއްޔެ ވަނީ ހަމަޖައްސައިފަ އެވެ. އެ މާރުކޭޓުގައި ހަރުކޮށްފައިވާ ކެމެރާގެ އެހީގައި މާރުކޭޓުގެ މަންޒަރުތައް ސިޓީ ކައުންސިލްގެ ވެބްސައިޓުން ހުރިހާ ވަގުތެއްގައި ލައިވްކޮށް ބެލެ އެވެ.
މޭޔަރު އިސްމާއިލް ރަފީގު މިއަދު "މިހާރު"އަށް ވިދާޅުވީ އެ ހިދުމަތް ފެށީ ސްމާޓް ސިޓީއެއްގެ ވިސްނުމުގެ ދަށުން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އާންމުންނަށް ފަސޭހަތައް ހޯދައިދިނުމަށް އެ ކައުންސިލުން ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
"އާންމުކޮށް މަސް މާރުކޭޓަށް ހެނދުނު ގަޑީގައި މީހުން ގޮސް، ބާނައިފިއްޔާ ލިބޭ، ނުބާނައިފިއްޔާ ނުލިބޭ. އެހެންވީމަ ދިއުމުގެ ކުރިން މަސް ބޭނިތޯ ނޫންތޯ ބަލައިލުން މީގެ ބޭނުމަކީ،" މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ "ސިޓީ ކޭމް" ލޭބަލްގެ ދަށުން ރަށުގެ އާންމު އެހެން ތަންތަނުގައި ވެސް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެ މަސައްކަތުގެ ދަށުން ފުވައްމުލަކުގެ ތުނޑި އާއި ކުޅި އަދި ޗަސްބިމުގެ ސަރަހައްދުތަކުގައި ކެމެރާ ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކުގެ އެންމެ ފަހުގެ ސެޓަލައިޓް މަންޒަރާއި ގޯތިގެދޮރާއި ވިޔަފާރިތަކުގެ މައުލޫމާތު ހިމެނޭހެން ތައްޔާރުކޮށްފައިވާ ހާއްސަ ޑިޖިޓަލް ޗާޓެއް ވެސް މިދިޔަ ޖެނުއަރީ މަހު ވަނީ އިފްތިތާހުކޮށްފަ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ މުވައްޒަފުން ތައްޔާރުކޮށްފައިވާ އެ ޗާޓުން ރަށުގެ އެންމެ ފަހުގެ ހައި ރިޒޮލިއުޝަން "ސެޓަލައިޓް ވިއު" ފެނެ އެވެ. ހައި ރިޒޮލިއުޝަން އެ ޗާޓުން ޕްލޭނިން އަދި ކުދި ސާވޭތަކަށް ބޭނުންވާ ސެޓެލައިޓް އިމޭޖް ލިބެ އެވެ. އަދި ރަށުގެ ގޭގެ އާއި އެހެނިހެން ތަންތަނުގެ ލޮކޭޝަނާއި އެ ތަންތަނަށް ދެވޭނެ މަގު ދައްކައިދެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، އެ ޑިޖިޓަލް ޗާޓުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ފަސޭހަތަކެއް ވާނެ އެވެ. އަދި ހާއްސަކޮށް ޑެލިވަރީގެ ހިދުމަތް ދޭ ވިޔަފާރިތަކަށް ކަސްޓަމަރުންގެ ލޮކޭޝަން ދެނެގަތުމަށާއި އަވަސް ހިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވާނެ އެވެ.
ފުވައްމުލަކަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރާ ރަށަކަށް ވާއިރު، އެ ޑިޖިޓަލް ޗާޓުގެ އެހީގައި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ރަށުގެ އެކި ތަންތަން ފަސޭހައިން ދެނެގަނެ، ރަށުގެ ރީތިކަން ބަލާލުމުގެ ފުރުސަތު އިތުރަށް ފަސޭހަ ވާނެ ކަމަށާއި އެ ޗާޓު ފަރުމާކޮށްފައިވަނީ އިނގިރޭސި ބަހާއި ދިވެހި ބަހުން ބަލާލެވޭ ގޮތަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.