ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އާއި ވިލިމާލެ-ގުޅިފަޅު އަދި ގުޅިފަޅު-ތިލަފުށި ކަނޑުއޮޅި ހުރަސްކޮށް ދަތުރު ނުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާވެސް އަންގައިފި އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ އާއި ތިލަފުއްޓާއި ދެމެދުގައިވާ ތިން ޗެނަލްގައި ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.

އެ ސަރަހައްދުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، އެ ތިން ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަށް ނުވާތީ، އެ ކަނޑުއޮޅިތައް ބަންދުކޮށްފައިވާކަން މާޗު 3، 2024 ގައި އާންމުކޮށް އަންގާ އިއުލާން ކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"މި 3 ކަނޑުއޮޅި (މާލެ-ވިލިމާލެ، ވިލިމާލެ-ގުޅީފަޅު އަދި ގުޅިފަޅު-ތިލަފުށި) ބަންދުކޮށްފައި ވާތީ، އެ ސަރަހައްދުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އާންމުކޮށް އަންގާ އިއުލާން ކުރީމެވެ،" މިއަދު ކުރި އިއުލާނުގައި ވެސް ބުންޏެވެ. 

މިނިސްޓްރީން މި އިއުލާން އަލުން އާންމު ކުރި ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް، އެ ކަނޑުއޮޅިތައް ހުރަސްކޮށް ބައެއް އުޅަނދުފަހަރު ދަތުރުކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާ އިން ދޭތެރެއަކުން ފެނެ އެވެ. 

އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ 6.7 ކިލޯމީޓަރުގެ މި ދިގު ބްރިޖުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ބުނެފައިވެ އެވެ. އެ ބްރިޖު އެޅުމަށް މޫދުގެ އަޑީގައި ކުރަން ޖެހޭ ހުރިހާ މަަސައްކަތެއް މިހާރު ހުރީ ނިމިފަ އެވެ. 

މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.