ފުލުހުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ހުއިފިލަނޑާތަކުގެ ތެރެއިން ރާއްޖެއިން އެކްސްޕޯޓްކުރުން މަނާ ތަކެތި ނީލަން ކިޔަން އިއްޔެ އިއުލާންކޮށްފި އެވެ. 

ފުލުހުންގެ އިއުލާނުގައި ބުނީ ނީލަން ކިޔަން މިފަހަރު އިއުލާންކުރި ތަކެއްޗަކީ ރާއްޖެއިން އެކްސްޕޯޓް ކުރުން މަނާ ބާވަތުގެ ހުއިފިލަނޑާ ކަމަށް ފިޝަރީޒް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. 

އެ ތަކެތި ނީލަން ކިޔަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ލަފާގެ މަތިން ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އެ ތަކެއްޗަކީ، ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުއްޓާ އެޔަށް ހިޔާނާތްތެރިވެ އެހެން ތަނަކަށް ގެންގޮސް ފޮޮރުވާފައިވާ ކަމަށް ބުނެ މިދިޔަ އަހަރު ޑިސެމްބަރު 31 ގައި ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅޭ ތަކެއްޗެވެ. މިއީ ދެ މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. 

އެ މައްސަލައިގައި ތުހުމަތުކޮށްފައި ވަނީ، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ގެންދިޔަ ކަމަށެވެ. އެ ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ ދެ ގެއެއްގައި ރައްކާކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށް ފަހު، އެ ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރި ކަމަށާއި އޭގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. 

ނީލަމުގެ އިއުލާނުގައި ހިމަނާފައިވާ އަގު ލިސްޓުގައިވާ ގޮތުގައި، އެކްސްޕޯޓް ކުރުން މަނާ ހަތަރު ބާވަތެއްގެ ހުއިފިލަނޑާ ނީލަން ކިޔާނެ އެވެ. އެއީ؛

  • ކައްޗަލާ / ނީލަން ފެށޭ އަގަކީ 300ރ. 
  • ހުދު ބަޓު / ނީލަން ފެށޭ އަގަކީ 850ރ. 
  • ކަޅު ބަޓު / ނީލަން ފެށޭ އަގަކީ 600ރ. 
  • އަލަނާސި / ނީލަން ފެށޭ އަގަކީ 500ރ. 

އަންނަ މަހު އަށެއްގެ ކުރިން ނީލަމުގައި ރަޖިސްޓްރީ ވާން ޖެހޭ އިރު، ނީލަން ކިޔުން އޮންނާނީ އަންނަ މަހު 9 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ދޫނިދޫގަ އެވެ. 

ހުއިފިލަނޑާތަކަށް ހިޔާނާތްތެރިވި މި މައްސަލަ ތަހުގީގުކުރަމުން އައި އިންވެސްޓިގޭޝަން އޮފިސަރަކު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އެނގިފައިވާ ގޮތުގައި އެ ހުއިފިލަނޑާތަކަކީ ޗައިނާ މީހެއްގެ މުދަލެވެ. އެ ގުދަނުގައި ހުއްޓާ އެއަށް ހިޔާނާތްތެރިވެފައި ވަނީ ފުލުހުންގެ އޮފިސަރެއްގެ އިތުރުން އެމްޕީއެލްގެ މުވައްޒަފެކެވެ. 

އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި މިދިޔަ މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ. 

ނަމަވެސް، ފުލުހުން ބުނި ގޮތުގައި، ޝަރީއަތުން ނިންމީ އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ އަމުރު ނެރެދެވޭނެ ހާލަތެއް ނެތް ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.