ބޮޑުތަކުރުފާނު މަގުން ސިނަމާލެ ބްރިޖު ކައިރީގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާ ޝަރުތުކުރުމަށް ފަހު ދޫކޮށްލައިފި އެވެ.
އެ އެކްސިޑެންޓުގައި ބ. ދަރަވަންދޫ، ހިޔަލީގުލްޝަން، މުހައްމަދު ނިހާން ނާޒިމް، 16، ވަނީ ނިޔާވެފަ އެވެ. އެއީ އިމާދުއްދީން ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުން އައި އަދި މި އަހަރުގެ އޯ ލެވެލް އިމްތިހާނު ވެސް ހަދަމުން އައި ދަރިވަރެކެވެ.
އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ ރ. އިނގުރައިދޫ ނެދުންގޭ މުހައްމަދު އާދިން އާރިފް އެވެ. އުމުރުން 19 އަހަރުގެ އާދިންގެ އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ވެސް ނޯންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ނިހާން ނިޔާވި އެކްސިޑެންޓު ހިނގީ، ބޮޑުތަކުރުފާނު މަގުން ބްރިޖުގެ ޓްރެފިކް ލައިޓު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ، ޕޭވްމަންޓަށް އެރުމުގެ ސަބަބުންނެވެ.
އާދިން ބަންދުން ދޫކޮށްލަން ނިންމައި ނެރުނު އަމުރުގައިވާ ގޮތުން މިއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ހިނގި ހާދިސާއާ މެދު ހިތާމަކުރާ ކަމަށާއި ކަން ހިނގާފައިވާ ގޮތަށް ބަލައި ހަރުކަށި ޝަތުރުތަކާ އެކު ވިޔަސް ބަންދުން ދޫކޮށްލަން އެދޭ ކަމަށް އާދިންގެ ދިފާއުން ބުނެފައިވެ އެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ އާދިން އަށް އެކްސިޑެންޓުގައި ވެފައިވާ އަނިޔާތަކަށް ވެސް ބަލައި، ތަހުގީގަށް އެއްބާރުލުންދޭ ނަމަ ހަރުކަށި ޝަރުތުތަކާ އެކު ދޫކޮށްލުމަށް އިއުތިރާޒް ނުކުރާ ކަމަށެވެ.
އަމުރުގައިވާ ގޮތުން ޝަރުތުކުރެވިފައިވާ މުއްދަތުގައި ޝަރުތާ ހިލާފުވެއްޖެ ނަމަ، އަލުން ބަންދުކުރުމުގެ އިހްތިޔާރު ފުލުހުންނަށް އޮންނާނެ އެވެ. އެކަމަކު އަމުރުގައި ޝަރުތުތައް ބަޔާންކޮށްފައެއް ނެތެވެ.