ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކު، ނަގަން ތާވަލު ކޮށްފައިވާ ފެންނަ ނުފެންނަ ވޯޓު ބޭއްވުމަށް ވުރެ ސިޔާސީ މުވައްޒަފުން މަދުކުރުމުން ދައުލަތުގެ ހަރަދު ކުޑަވާނެ ކަމަށް އެ ވޯޓާ ދެކޮޅަށް މަސައްކަތްކުރާ "މޫވްމަންޓް" އަކުން މިއަދު ބުނެފި އެވެ.
ރިފަރެންޑަމް ވޯޓެ ނެގުމާ ދެކޮޅަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެމްޑީޕީ އާއި ޑިމޮކްރެޓްސްގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ އިސް ދެ މެމްބަރުންގެ ގޮތުގައި ތިއްބެވި ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިންގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އައިމަން ރަޝީދު އެވެ.
ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ބުނަމުން ގެންދަނީ އެއީ ހަރަދު ކުޑަކުރުމުގެ ގޮތުން ބާއްވާ އިންތިހާބެއް ކަމަށެވެ.
ނަމަވެސް ހަރަދު ކުޑަ ކުވޭނެ އެހެން ބައިވަރު ގޮތައްތައް އެބަހުރި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ހަރަދު ކުޑަކުރާ ވާހަކަ ދައްކާ ކަމަށް ވަންޏާ، ސަރުކާރުގައި އެބަތިއްބެވި 400 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުން، ހަމައެކަނި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި. އޭގެ ތެރެއިން 30 މީހުންގެ މަގާމު އުނިކޮށްލިޔަސް އީސީން އެ ބުނާ 60 މިލިއަން ރުފިޔާ އެބަ ސަލައިމަތް ކުރެވޭ،" ހަސަން ލަތީފު ވިދާޅުވި އެވެ.
"އެހެންވެއްޖިއްޔާ 50 މިލިއަން ހަރަދު ކޮށްގެން ކޮންމެ އަހަރަކު އީދުގައި އެ ދަމާ ބޮކިފަތި ދިއްލުން ހުއްޓާލިޔަސް މިކަން ކުރެވޭނެ. ބައެއް ރަށްރަށުގައި ދަމާ ބޮކި އަދަދު މަދުކޮށްލިޔަސް އެކަން ކުރެވޭނެ."
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އެއްކޮށްލަން އުޅޭ ދެ އިންތިހާބަކީ އެއްވެސް ވަރަކަށް ގުޅުމެއް ނެތް ދެ އިންތިހާބު ކަމަށެވެ.
އަދި އެ ދެ އިންތިހާބަކީ އާބާދީގެ ނިސްބަތުން އެންމެ މަދުން ވޯޓުލާން މީހުން ނުކުންނަ އިންތިހާބުކަން ފާހަގަ ކުރައްވާ ވިދާޅުވީ ރައްޔިތު މީހާއަށް ގަބޫލު ކުރެވޭ ގޮތަށް، އުސޫލަކަށް އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރުކަން ތިން ދައުރު ކުރެއްވި އީވާ ވެސް ވަނީ ހަރަދު ކުޑަކުރުމަށް ކުއްލިއަކަށް ދެ އިންތިހާބު އެއްކޮށްލައި ބާއްވަން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ލަފާކުރުންތަކަށް ބަލާއިރު އެ ފިޔަވަޅާ އެކު އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެފައި ވެ އެވެ.
އެއާ އެކު، ދެ އިންތިހާބު އެއްކޮށްލުމުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަތިވާނެ ކަމަށް ޕީއެންސީން ގަބޫލުކުރެ އެވެ.