ރާއްޖެ ތަރައްގީކުރަން ކުރިއަށް އޮތް 20 އަހަރަށް ހަދާ ތަރައްގީގެ ގައުމީ ޕްލޭންގެ ޑްރާފްޓު ނިމިފައިވާ ކަމަށް، އެ މަސައްކަތްކުރާ "ވިލުންތެރި" އޮފީހުން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އެ އޮފީހުގެ އޮފިޝަލަކު، މިދިޔަ ހަފުތާގައި "މިހާރު"އަށް ވިދާޅުވީ ތަރައްގީގެ ޕްލޭން މިހާރު އޮތީ ރިވިއުކުރުމުގެ މަރުހަލާގައި ކަމަށެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީކުރުމަށް 20 އަހަރުގެ މާސްޓަޕްލޭނެއް އެކުލަވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭގެ ދަށުން، އެ ޕްލޭން ހަދަން ހަވާލުކުރީ ނެކްސިއާ މޯލްޑިވްސް ނަމަކަށް ކިޔާ ކޮންސަލްޓަންސީ ފާމަކަށެވެ.
އެ ކުންފުނީގެ ޓީމުތައް ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެ ރަށްރަށުގެ އާއްމުންގެ ހިޔާލުތައް ހޯދައިފަ އެވެ.
ވިލުންތެރި އޮފީހުން މީގެ ކުރިން ބުނީ، މާސްޓްޕްލޭން ނިންމުމަށްފަހު މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ލޯންޗުކުރާނެ ކަމަށެވެ. ނަމަވެސް، އެ މުއްދަތު ފަހަނައަޅައި ދިޔައިރު އެކަމެއް ހާސިލެއް ނުވި އެވެ.
އެ ޕްރޮޖެކްޓުގެ ލީޑު މުހައްމަދު ނަޒީފު މިދިޔަ އަހަރު ވިދާޅުވީ އާއްމުންގެ ހިޔާލު ހޯދުމުގެ އިތުރުން ގައުމީ ތަރައްގީގެ ފައިނޭންޝަލް ޕްލޭން ހެދުމަށް ފަސް ބޭފުޅުން ހިމެނޭ ބޭރުގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ. އޭގެ ތެރޭގައި އިގުތިސާދާއި މާލީ ކަންކަން އަދި ޖިއޯ ކޮންސަލްޓަންޓެއް ވެސް ހިމެނެ އެވެ.
ނަޒީފު ވިދާޅުވީ އެ ޓީމުގެ ހަރަދުތައް ހަމަޖައްސަނީ ވެސް ބޭރުގެ ބައެއް ކަމަށެވެ.
ނަޒީފު ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭން ހެދުމުގެ މަރުހަލާތައް އެއްކޮށް ނިމޭނީ މި އަހަރުގެ ޖޫން ހިސާބުގައި ކަމަށެވެ. އޭގެ ކުރިން، އާއްމުންގެ ރުހުން އޮތްކަން ވެސް ކަށަވަރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަށް ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖަ ހޯދައިދިނުމެވެ.