ސުޕްރީމް ކޯޓުގައި އިއްޔެ އޮތް އަޑުއެހުމަށް ނާޒިމް ކޯޓަށް ވައްދަނީ --މިހާރު ފޮޮޓޯ/ނިޝާން އަލީ
16 ޖޫން 2016 - 01:39
ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމް ކޮށްފާނެ ފަދަ ބޭފުޅެއް ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލަ އާއި ތިން ވަޒަން ފެނުނު މައްސަލާގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި އިއްޔެ ވަނީ ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި، ނާޒިމްގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ، ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ނަމަކަށް ކިޔާ ފުލުހެއް ކަމަށާއި އެކަމަށް ހެކިބަސް ދޭނެ ހެކިން އެބަތިބި ކަމަށެވެ.
މިކަމާ ގުޅިގެން "މިހާރު"އާ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ނާޒިމް ފްރޭމް ކުރުމުގައި، މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވެދާނެ ކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށެވެ. އެކަމަކު ވަކިވަކި ފުލުހުންނަށް ފައިސާ ދީގެން އެކަން ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ރައީސް ޔާމީނާއި ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އެއީ ރައީސް ވެސް ވިދާޅުވެފައިތާ އެ އޮތީ، ވަކިވަކި ފުލުހުންނަށް އަދީބު ލާރި ދީގެން ބައެއް ކަންކަން ކުރުވާފައިވާ ކަމަށް. އެކަމަކު މުޅި ފުލުހުންގެ މުއައްސަސާ އަކީ ވަރަށް ޕްރޮފެޝަނަލްކޮށް އޮޕަރޭޓްކުރާ ތަނެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓަރުކަމުގައި އަދީބު ހުންނެވި ދުވަސްވަރު، ބައެއް ކުށްތަކުގައި އަދީބު ބައިވެރިވާ ކަމުގެ ރިޕޯޓެއް ފުލުހުންގެ ފަރާތުން ލިބިވަޑައިގަތުމުން، އެކަން ބަލަން އެންގުމާ ގުޅިގެން، ނާޒިމާއި އޭނާ "ހޭއަރުވާލާނެ" ކަމަށް ވިދާޅުވެ، އަދީބު އިންޒާރު ދެއްވި އެވެ. އުމަރު ވިދާޅުވީ އެ އިންޒާރު އަދީބު ދެއްވީ، އޭނާ އާއި ނާޒިމް އަދި އަދީބާ ތިން ބޭފުޅުން ކުރެއްވި ކޮންފަރެންސް ކޯލުގައި ކަމަށެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކަށް ފަހު އަދީބު ފުލުހުން ގެންދަނީ.---މިހާރު ފޮޓޯ
"އެހެންވީމާ ކަންތައް ހިންގާފައިވާ ގޮތަށް ބަލާއިރު އަދީބު، ނާޒިމް ފްރޭމް ނުކުރާނެއެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އެކަމަކު ޝަރީއަތުގެ މަޖިލިހުން އެކަން ނިންމާނީ. ހަގީގަތަކީ އޭރުގެ ސީޕީ ހުސެއިން ވަހީދަކީ އަދީބުގެ ކަނާތާއި ވާތް. އެހެންވީމާ އޭރުގެ ސީޕީ އަށް ނޭނގި މިފަދަ ކަމެއް ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު އެހެން ވިދާޅުވިއިރު ސުޕްރީމް ކޯޓުގައި މިއަދު އޮތް ނާޒިމްގެ އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލިހުގައި ނާޒިމްގެ ވަކީލު ވަނީ، އަދީބާއި ނާޒިމާއި އުމަރާ އެކު ހެދި ކޮންފަރެންސް ކޯލެއްގައި ނާޒިމަށް އަދީބު އިންޒާރު ދިން ކަން ސާބިތުކުރަން އުމަރު ވެސް ހާޒިރުކޮށްދޭން އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
16 June 2016
ފުލުހުންގެ މުއައްސަސާއަކީ ވަރަށް ޕްރޮފެޝަނަލްކޮށް ހިންގާތަނެއް، ނަމަވެސް ވަކިވަކި ފުލުހުނުންނަށް ލާރިދީގެން ގަނެވޭ ތަނެއް - އުމަރު ނަސީރު.
ފފ
16 June 2016
ބަލަ ގެއްލުނު ފައިސާ ހޯދާބަލަ ކޮން ފުރޭމެއްގެ ވާހަކަތޯ ތި ދައްކަވަނީ!
ރާމިޒު
16 June 2016
އުމަރު ފުލުހުން ގެ ބޮޑަލަށް ހުންނަވާ ރިޔަވަރުގެ ބޮޑު ހެއްކެއް ތަހުގީގަށް ހާމަ ނުކުރެއްވީ ކީއްވެގެން ތޯއެވެ. ތަހުގީގުގައި އަދީބު ހުރި ފެންވަރު ގެ މީހަކު ނާޒިމަށް އިންޒާރު ދިން އަޑު އިވުނު މީހަކީ އުމަރެވެ، ޝަރީއަތާ ހިސާބަށް ތިޔަ މައްސަލަ ދިޔުމުގައި އުމަރުގެ އިހުމާލުވެއެވެ.
ޒޯހާން
16 June 2016
އުމަރުތީ ސަނާކިޔައިގެން ދިރިއުޅޭމީހެއް. މިވަގުތަށް އެންމެ ރަނގަޅު ރާގަށް ވާހަކަ ތިދައްކަނީ
ޕޮކަންޑި މޭން
16 June 2016
ފްރޭމް ކުރިޔަސް އަނެއްހެން ބަލާނިކަމެއް ނެތްތާ. މިހާރުވެސް އަދީބް ފްރޭމްކޮށް ޖަލަށް ލާފައިވާ ނާޒިމްގެ ކޮއްކޮ އާޒިމް އެއުޅެނީ "ފިލި 4" އާ އެއްކޮށް އަދީބް އަންހެނުން ގޮވައިގެން ގޮނޑި ރޭސް ޖަހަން ވިލާތުގައި. ބޭބެ ކުށަކާނުލާ ޖަލަށް ލީކަމަށް ޤަބޫލުކުރާ ކޮއްކޮއެއްގެ ޢަމަލުތަކުން ރައްޔިތުންނަށް އެތައްހާސް ކަމެއް ބުނެދޭ.
މިނިވަން ޚީޔާލް
16 June 2016
ނާޒިމްގެ ކޮއްކޮ އާޒިމް އެއުޅެނީ ކޮންމެހެން އަދީބުގެ އަންހެނުން ރީތިވެގެންނެއްނޫން. އެކުރާކަމަކީ ނާޒިމަށް ބޭއިންސާފުން މިހާރުގެ ސަރުކާރުން ދައުވާކޮށް ބޮޑުޖަލުހުކުމެއް އިއްވާފައިވާތީ ނާޒިމް ސަލާމަތްކުރުމަށް ކުރަންޖެހޭ ކަންކަންކުރަނީ. ޕްރޭމްކުރިޔަސް ނުކުރިޔަސް އިންސާފުވެރި ތަހުގީގެއް ހިގަާފައިނުވާކަމާއި، އަވަސް އަރުވާލައިގެން ނާޒިމަށް ހުކުމްކުރިކަން އެގޭދޯ!
ހުސައިން
16 June 2016
އުމަރޫ، ޔާމީން އަދީބު ލައްވާ ނާޒިމް ފުރޭމް ކުރިއޭ ބުނަް ނުކެރިގެން ތިއުޅެނީ ކީއްވެތޯ؟ އުމަރުވެސް މަޅީގެ މަތީގައި ހުރެވުނީތޯ؟
ހުދުހުދު
16 June 2016
މާކުރިންވެސް އިމްރާން ވަނީ އުމަރަށް މުޅިތިމައްސަލާގެ ހުރިހާކަމެއްވެސް އެނގޭނެކަމަށް ބުނެފަ އެދުވަހު ހަނުހުރެފަ މިޔަދު މާވާހަކަ ގިނަވެގެން މިއުޅެނީ ކީއްވެބާ؟؟؟؟؟؟؟
ނަމެއްނެތް
16 June 2016
އުމަރު ވެސް ނާޒިމް ފްރޭމް ކޮށްފާނެ. އެވެސް ހަރުގަނޑަކަށް އަރާހުރެ.
އުމަރުހަބީބު
16 June 2016
އުމަރުވެސް ފާޑުފާޑުގެ ސިޔާސީ ސްޓަންޓް ހަދަނީ. އެއްވެސް އިޙްލާސް ތެރި ކަމެއް ހުރިމީހެއްނޫން ތީ، ހަމަ ކުރާހާވެސް ކަމަކީ އަމިއްލަ މަސްލަހަތައް މަސައްކަތް ކުރުން.
މުހައްމަދު
16 June 2016
ނާޒިމް އަށް އުމަރު ނަސީރުގެ ބެލުމުގެދަށުން އަނިޔާދެމުން ދާއިރު ޗުޕްވެސް ވިދާޅުނުވެ ހުންނެވުމަށް ފަހު ނާޒިމު ގެ އާއިލާއިން ބުރަމަސައްކަތުން ގިނަދުވަހުން ހޯއްދެވި ހެކިތަކައްބެއްލެވުމަށް ފަހު ދެންމިވިދާޅުވަނީ ކީކޭތޯ، އުމަރު ނަސީރު އަކީ އިޚްލާސްތެރިއެއްނޫން.