އދ. ދިގުރަށުގައި ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް ބިދޭސީއަކު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ. 

އެޗްއާރްސީއެމްއިން ބުނީ އަލިފާނުގެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އަދި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށެވެ. 

ބިދޭސީންގެ ގިނަ އެކޮމަޑޭޝަން ބްލޮކްތަކަކީ އިންސާނީ ހައްގާއި ކަރާމަތް ހަނިވާ ގޮތަށް ހުންނަ ތަންތަން ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އަދި އެފަދަ ތަންތަނުގެ ހާލަތުގެ ސަބަބުން ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގައި، އެތައް ބިދޭސީންނެއް މަރުވެފައިވެ އެވެ. 

ދިގުރަށުގެ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރާ ގޭގައި ރޯވީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. ނަމަވެސް ހާދިސާ ހިނގި ގޮތާ ބެހޭގޮތުން ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. 

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވީ ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށް ކަމަށާއި އެ ވަގުތު އެހެން މީހުން ތިބީ ގޭތެރޭގައި ނިދާފައި ކަމަށެވެ. 

ހާދިސާގައި ފަސް މީހަކު މަރުވިއިރު ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ އިތުރު ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފަ އެވެ.