ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށުގައި ބޭއްވި، ކައިވެނި އިއުލާނުކުރުމުގެ ހުވަފެނީ ހަފްލާއަށް ފަހު ސިމޯނާ މުސޫ އާއި ޑީން ޝީޕާސް ތިބީ އުފަލުން ފޮޅިފަ އެވެ. އެކަމަކު މިދިޔަ މަހުގެ 22 ގައި ރާއްޖެއަށް އައުމަށް ފަހު ދަތުރު ނިމުމަކަށް އައީ  ސައުތު އެފްރިކާއަށް ނިސްބަތްވާ އެކަމަކު ނެދަލެންޑުގެ އެމްސްޓަޑަމްގައި ދިރިއުޅޭ މި ލޯބިވެރިން މިހާތަނަށް ކުރި އެންމެ ހާސްކަން ބޮޑު ތަޖުރިބާއިންނެވެ.

ސީއެންއެންއަށް ދިން އިންޓަވިއެއްގައި މުސޫ ބުނެފައިވާގޮތުގައި އެ މީހުންގެ ހުވަފެނީ މަންޒިލަށް އާދެވުމުން ތިބީ އުފަލުން ހިތްފުރިފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދެމީހުން ނިކުތްއިރު އެމީހުންގެ ނަން ލިޔެފައިވާ ބޯޑު ހިފައިގެން ރިސޯޓުގެ ސްޓާފަކު ހުއްޓެވެ. އަދި ސީޕްލޭނާ ހިސާބަށް ގެންގޮސްދީ އެ ސީޕްލޭންގައި ރިސޯޓަށް ގޮސް ކުރީ މުޅި އުމުރު ދެކެމުން އައި ހުވަފެންތަކުގެ ހަގީގީ މަންޒަރުތަކެވެ. 

އެކަމަކު ހަފްތާއެއް ފަހުން އެނބުރި ގައުމަށް ފުރަން އެއާޕޯޓަށް ދިޔައިރު ހާލަތު ބަދަލުވެއްޖެ އެވެ. ހުވަފެނީ ޗުއްޓީ ނިންމާލަން ޖެހުނީ މާޔޫސްކަމާއި އުދާހާ އެކުގަ އެވެ. 

މިދިޔަ މަހުގެ 28 ގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ އެކު ވައިގެ ދަތުރުތައް ހުއްޓުމަކަށް އައި ރާއްޖެ އާއި މުޅި ދުނިޔޭގައި ވެސް އެކި ތަންތަނުގައި ތާށިވި އެތައް ހާސް ބައެއްގެ ތެރޭގައި މި ލޯބިވެރިން ވެސް ހިމެނުނެވެ. 

އެ ދުވަހުގެ ހާލަތު ސިފަކޮށްދެމުން އެމީހުން ބުނެފައިވާ ގޮތުގައި މުޅި އެއާޕޯޓުގައި އޮތީ ނުފުރި ރާއްޖޭގައި ތާށިވި ޓޫރިސްޓުން ގޮސް ތޮއްޖެހިފަ އެވެ. އެކި ތަންތަނުގައި މީހުން ފޯނު ޗާޖަށް ޖަހައިގެންނާއި ކުޑަކުދިންނާއި އެންމެން ވެސް އެމީހުންނަށް ލިބުނު ތަންކޮޅެއްގައި ނިދަން އޮށޯވެ އެވެ. 

"ރަށެއްގައި ހިތްފަސޭހަ އުފާވެރި ޗުއްޓީއެއް ހޭދަކޮށްފައި އައި ކަމުގެ އިހުސާސެއް އެއްވެސް މީހެއްގެ މޫނުން ފެންނަހެން ހިއެއް ނުވޭ،" ޝީޕާސް ބުންޏެވެ. 

މުސޫ ބުނީ ލަގްޒަރީ ޗުއްޓީއަކަށް ފަހު، އެމީހުން ތިބީ ހަދާނެ ގޮތް ހުސްވެފައި ކަމަށެވެ. ތިބޭނެ ހޮޓަލެއް ނެތްތަނުގައި ފްލައިޓުތަކުގެ އަޕްޑޭޓެއް ނުލިބުނެވެ. އަނބުރާ ގައުމަށް ދެވޭނީ ކޮންއިރަކު ކިހިނެއް ކަމެއް ވެސް އެމީހުންނަކަށް ނޭނގެ އެވެ. 

"ރިސޯޓުގައި ހޭދަކުރި މުޅި ހަފްތާ ވަރަށް ފުރިހަމަ. ކައިވެނީގެ ދުވަސް ހަމަ އެހާމެ ފުރިހަމަ، ރީތި، ހުރިހާ ކަމެއް ވެސް ދިޔައީ ޕްލޭން ކުރި ގޮތަށް. އެކަމަކު އެ ހިސާބުން ހާލަތު ގޯސްވީ. މިއީ ނައިޓްމެއާއެއް،" މުސޫ ބުނެފައިވެ އެވެ.

ސިމޯނާ މުސޫ އާއި ޑީން ޝީޕާސް ރާއްޖޭގައި ބޭއްވި ރަމްޒީ ކައިވެންޏަށް ފަހު ނަގާފައިވާ ފޮޓޯއެއް
ސިމޯނާ މުސޫ އާއި ޑީން ޝީޕާސް ރާއްޖޭގައި ބޭއްވި ރަމްޒީ ކައިވެންޏަށް ފަހު ނަގާފައިވާ ފޮޓޯއެއް

ހަނގުރާމަ ފެށުނުތާ ދެ ހަފްތާ ފަހުން ވެސް ދުނިޔޭގެ ވައިގެ ދަތުރުތަކާއި ފަތުރުވެރިކަމުގެ ސިނާއަތް އޮތީ ވާނުވާ ނޭނގޭ ހާލަތުގަ އެވެ. މިއީ ކޮވިޑު-19 ގެ ބަލިމަޑުކަމަށް ފަހު ދަތުރުފަތުރުގެ ދަތިކަން މިހާ ބޮޑަށް އައި ފުރަތަމަ ފަހަރެވެ.

އޭވިއޭޝަން އެނަލިސްޓް ސިރިއަމްގެ ޑޭޓާއާ ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަނުޖެހުން ފެށުނު ފަހުން މެދުއިރުމަތިން މިހާތަނަށް 52،000 ފްލައިޓެއް ކެންސަލްވެފައިވެ އެވެ. އޭގެ ސަބަބުން ހަ މިލިއަނެއްހާ ފަސިންޖަރުންނަށް އެކަމުގެ އަސަރުކޮށްފައިވެ އެވެ. ހަމަނުޖެހުން ހިނގަމުން ދިޔަ ނަމަވެސް ބައެއް އެއާޕޯޓުތަކުން ވަނީ އަލުން ހިދުމަތް ފަށައިފަ އެވެ. އޭގެ ތެރޭގައި ދުބާއީ އާއި އަބޫދާބީ އަދި ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓު ފަދަ ތަންތަން ހިމެނެ އެވެ. 

މެދުއިރުމައްޗަކީ ދުނިޔޭގެ އޭވިއޭޝަނުގައި މުހިއްމު ސަރަހައްދެކެވެ. ސިރިއަމްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޔޫރަޕާއި އޭޝިއާ ޕެސިފިކްއާ ދެމެދު ދަތުރުކުރި ކޮންމެ ފަސް ފަސިންޖަރުންގެ ތެރެއިން ގާތްގަނޑަކަށް އެކަކު ދަތުރުކުރީ މެދުއިރުމަތީ މަގުންނެވެ. އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ބުނާ ގޮތުގައި ރީޖަނަލް އެއާލައިންތަކުން 2026 ވަނަ އަހަރު ގާތްގަނޑަކަށް 240 މިލިއަން ޕަސިންޖަރުން އުފުލޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ގިނަ އެއާލައިންތަކަށް ފްލައިޓުތައް ކެންސަލް ކުރުމާއި ތާށިވެފައި ތިބި ދަތުރުވެރިން މެނޭޖް ކުރަން ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އެންމެ ބޮޑަށް ގެއްލުން ލިބުނު ފަރާތްތަކުގެ ތެރޭގައި ގަތަރު އެއާވޭސް ހިމެނޭއިރު ފްލައިޓް ޓްރެކާ ފްލައިޓްއެވެއާގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މާޗު 7 އިން 11 ގެ ނިޔަލަށް 2،185 ފްލައިޓު ކެންސަލް ކުރި އެވެ.

އެކަން މުސޫ އާއި ޝީޕާސް ތަޖުރިބާކޮށްފި އެވެ. އެމީހުންގެ ފްލައިޓު ޝެޑިއުލްކުރުމަށް ފަހު ފަސް ފަހަރަށް ކެންސަލްކުރި އެވެ. އެކަމުގެ ސަބަބުން، ރާއްޖޭގައި ހޭދަކުރަން އޮތް މުއްދަތު ތިން ގުނަ އިތުރުވެ، "ހަނީމޫން ޑިޒާސްޓާ" އަކަށް ބަދަލުވެފައިވާ ކަމަށް އެމީހުން ސިފަ ކުރެ އެވެ. 

އެއާލައިނުގެ ކަސްޓަމާ ކެއާ ސާވިސްއަށް ގުޅައި މެސެޖުކޮށް ކޮންމެ ދުވަހަކު އެތައް ވަގުތެއް އެ ދެ މީހުން ހޭދަކުރި އެވެ. އެކަމަކު އަގުތައް ހުރީ އަތްފޯރާ ފަށަށްވުރެ މަތީގަ އެވެ. އެންމެ މީހަކަށް އެއްކޮޅު ޓިކެޓުގެ އަގު 3،000 ޑޮލަރުން މަތީގައި ވެސް ބައެއް އެއާލައިންތަކުން ވިއްކަން ހުއްޓެވެ. 

އެކަމަކު އަގު ބޮޑުކޮށް ޓިކެޓު ގަންނަން ބަލާއިރު ވެސް ދެވޭނެ ރޫޓެއް ހޯދާފައި ޓިކެޓު ނަގަން ބަލާއިރު ދެން އޮންނަނީ ޓިކެޓު ހުސްވެފައި ކަމަށް އެމީހުން ބުންޏެވެ. ހަމަނުޖެހުމުގެ ސަބަބުން ގައުމުތަކުގައި ނުފުރި މީހުން ތާށިވެފައިވާ މި ދަނޑިވަޅުގައި ޓިކެޓުތައް ވިކި ހުސްވަނީ ސިކުންތުކޮޅެއްގެ ތެރޭގައި ކަމަށް އެމީހުން ބުންޏެެވެ.

ސިމޯނާ މުސޫ އާއި ޑީން ޝީޕާސް ރާއްޖޭގައި ބޭއްވި ރަމްޒީ ކައިވެންޏަށް ފަހު
ސިމޯނާ މުސޫ އާއި ޑީން ޝީޕާސް ރާއްޖޭގައި ބޭއްވި ރަމްޒީ ކައިވެންޏަށް ފަހު

މުސޫ ބުނެފައިވާ ގޮތުގައި އެކި ރޫޓުތަކަށް ގޮސްގެން ގައުމަށް އަނބުރާ ދިއުމަށް މަސައްކަތްކުރަމުން އަންނައިރު އެގޮތަށް ހޯދި އެއް ރޫޓުން ގައުމަށް ދިއުމަށް 56 ގަޑިއިރު ހޭދަވެ އެވެ. އެކަމަށް އޮތް އަނެއް ގޮންޖެހުމަކީ ވިސާ ހޯދުމަށް އޮތް ދައްޗެވެ. 

އެކި ގައުމުތަކުގެ ސަރުކާރުން، ތާށިވެފައި ތިބި އެ ގައުމެއްގެ ބަޔަކު އަނބުރާ ގައުމަށް ގެންދިއުމަށް ފްލައިޓު ބޭއްވި އިރު ވެސް މި ދެ މީހުންނަށް ފުރުސަތެއް ނުލިބުނެވެ. މުސީއަކީ އިޓަލީގެ ރަށްވެހިކަން އޮތް މީހަކަށްވާތީ އޭނާ އިޓަލީ އެމްބަސީ މެދުވެރިކޮށް އެ ބޯޓުން ޖާގަ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެމީހުންނަށް އެ ފުރުސަތު ނުލިބުނީ ފިރިހެން މީހާ އަކީ އެހެން ގައުމެއްގެ މީހަަކަށްވާތީ އެވެ.

އަނބުރާ ގައުމަށް ނުދެވުމުން މި ދެމަފިރިން ފުރަތަމަ ދިޔައީ އަނބުރާ ރިސޯޓަށެވެ. އެކަމަކު އެކަމަށް އަތުން މާ ބޮޑު ހޭދައެއް ހިނގަނީ އެވެ. ނުފުރުނު މީހުންނަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް ރިސޯޓުން ދީފައި އޮތް ނަމަވެސް އެ ވަރަށް ވެސް ހަރަދުތައް ނުބެލެހެއްޓި މި ދެމަފިރިން ދެން ދިޔައީ މާފުއްޓަށެވެ.

މީގެ ދެ ހަފްތާއެއް ކުރިން މާފުއްޓަށް ބަދަލުވި ފަހުން އެމީހުން ވަނީ މިހާތަނަށް ތިން ހޮޓަލެއްގައި އުޅެފަ އެވެ. މާފުށިން ނެގި އެއް ހޮޓަލުގައި ވެސް މީހުން ގިނަވެ ޖާގަ ނެތިގެން އެ މީހުނަށް ލިބުނު ރޫމްގައި ކުޑަދޮރެއް ވެސް ނެތް ކަމަށާއި ތިބެން ޖެހުނީ ދޮރުފޮތިން ނިވާވެގެން، ޖަަލެއްގައި ބަންދުވެފައި ތިބޭ ގޮތަށް ކަމަށް އޭނާ ބުނެފައިވެ އެވެ. އެކަމަކު އެ ރަށުގައި ވެސް ރޫމެއްގެ އަގު 200 ޑޮލަރަށް އަރަ އެވެ.

އެހެންވިޔަސް އެމީހުން ތިބީ ހަނގުރާމަ ހިނގަމުންދާ ތަނެއްގައި ނުވަތަ އެއާޕޯޓެއްގައި ތާށި ނުވުމުން ޝުކުރުކޮށްލައިގެންނެވެ. 

މުސޫ ބުނީ އޭނާގެ ފިރިމީހާ ކޮންމެ ދުވަހެއްގެ ހެނދުނު 6 ނުޖަހަނީސް ހޭލައިގެން ފްލައިޓަކުން ޖާގަ ލިބޭތޯ އުޅޭ ކަމަށެެވެ. އެގޮތަށް އުޅެނިކޮށް ވަނީ ސައުދީ މަގުން ނެދަލެންޑަށް ދިއުމަށް ޓިކެޓް ލިބިފަ އެވެ. އެމީހުންނަށް މިއަދު އަނބުރާ ގައުމަށް ދެވޭނެ އެވެ.