ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ހަތް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. 

ފުލުހުން މިއަދު ބުނީ އެ އިދާރާއިން ތަހުގީގުކުރި، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.  

އެ މައްސަލައިގައި ހުކުމްކުރީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުހައްމަދު ޝަފީގުގެ މައްޗަށެވެ.

ފެބްރުއަރީ 14، 2023 ގައި ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ހިންގި މާރާމާރިއަކާ ގުޅިގެން އޭނާގެ މައްޗަށް ކުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުން ބުނީ އެ މަރާމާރީގައި، ދައުވާ ސާބިތުވި މީހާ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ، ޒަހަމްކޮށްލާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގި ސަރަހައްދުން ހެކި ހޯދުމާއި، މަންޒަރު ދުށް މީހުންގެ ބަޔާން ނެގުމުގެ އިތުރުން، މާރާމާރީ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ބޭނުންވާ ތަހުގީގުގެ މަސައްކަތްތައް ފުލުހުން ފުރިހަމަކޮށްފައިވާ ކަމަށް ބުންޏެވެ. 

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލިސްތަކުގައި، ފުލުހުންގެ ތަހުގީގުން ހޯދާފައިވާ ހެކިތަކާއި ހެކިންގެ ހެކިބަހުގެ އިތުރުން މައްސަލައާ ގުޅުންހުރި އެހެނިހެން ހެކިތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހުށަހެޅުނު ހެކިތަކާއި ގާނޫނީ ބަހުސްތަކަށް ބެލުމަށް ފަހު، މުހައްމަދު ޝަފީގުގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

އެ ކުށުގެ އުގޫބާތެއްގެ ގޮތުން މުހައްމަދު ޝަފީގު ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އަންގައި، ހުކުމުގެ ކުރީގައި ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭ މުއްދަތަކީ ހަތަރު އަހަރު ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ އިބްތިދާއީ އަޑުއެހުމުގައި އޭނާ ދައުވާއަށް އިންކާރުކޮށް ހާދިސާ ހިނގިތަނުގައި ނުހުންނާނެ ކަމަށް ބުނެފައިވާ ކަމަށާއި ދިފާއުގައި ހެކި ވެސް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރިސަތުގައި ދައުވާއަށް އިއުތިރާފުވި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައަކީ އަނިޔާވެރި ކުށްތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށާއި އަނިޔާވެރި އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް މިފަދަ ކުށްތަކުން ރައްކާތެރިވެފައިވާ މުޖުމަތަމަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ކުރާނެ ކަމަށެވެ.