ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވައިލުމުގެ އޮނިގަނޑާއި އުސޫލުތައް ބަޔާންކުރާ، ޓާމްސް އޮފް ރިފަރަންސް (ޓީއޯއާރު) ގައި ސޮއިކޮށްފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި ފެށުމަށް ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގަ އެވެ.

އިންޑިއާގެ ކޮމާސް މިނިސްޓްރީން އެ ގައުމުގެ މީޑިއާތަކަށް އިއްޔެ ބުނީ، ރާއްޖެއާ އެކު، އެފްޓީއޭއެއް އެކުލަވައިލުމުގެ މަޝްވަރާތައް ފެށުމުގެ ޓީއޯއާރުގައި ސޮއިކޮށްފައިވާ ކަމަށެވެ. 

ނަމަވެސް، އެ ޓީއޯއާރާ ބެހޭ އިތުރު ތަފްސީލެއް ދީފައި ނުވާއިރު، ދިވެހި ސަރުކާރުން ވެސް އެކަމާބެހޭ ގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާ އިން މިދިޔަ އަހަރު ރާއްޖެ އަށް މުދާ އެކްސްޕޯޓު ކުރި އަދަދު ވަނީ 37 ޕަސެންޓު ދަށްވެފަ އެވެ. ނަމަވެސް، ރާއްޖެ އިން އިންޑިއާ އަށް މުދާ ބޭރުކުރި އަދަދު ވަނީ 119 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެއީ ހަމަ 37 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެ އިން އަންނަނީ މިދިޔަ އަހަރުން ފެށިގެން ޗައިނާއާ އެކު ވެސް އެފްޓީއޭއެއް އެކުލަވާލައި، އަމަލު ކުރަމުންނެވެ.

ރާއްޖެ އިން ވަނީ ތުރުކީއާ އެކު ވެސް ޕްރިފެންޝަލް ޓްރޭޑް އެގްރީމެންޓެއް އެކުލަވާލައިފަ އެވެ.