މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދުކުރުން ނިންމާފައިވާތީ ބައެއް މަގުތައް ބަންދުކުރަން ނިންމައި އެ މަގުތަކުން ވެހިކަލްތައް ނަގަން ފުލުހުން އަންގައިފި އެވެ.
ފުލުހުން ބުނީ އީދު ނަމާދަށް އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަަމަށެވެ.
ފުލުހުން ވަނީ ސަލްމާން މިސްކިތުގެ ގޭޓު ހިމެނޭ ސަރަހައްދުގައި ޕާކުކުރުން މަނާކޮށްފަ އެވެ. އަދި އިސްކަންދަރު ކޮށި ކައިރިން މިފްކޯ މަސްފިހާރައަށްދާ މަގާ ދިމާލުގައި ވެސް ޕާކުކުރުން މަނާކޮށްފައިވެ އެވެ.
އިސްލާމީ މަރުކަޒު ކައިރިން ޕާކުކުރުން މަނާކޮށްފައި ވަނީ އަމީރުއަހުމަދު މަގުގެ ޖުމްހޫރީ މައިދާނާއި އިސްލާމީ މަރުކަޒާ ދެމެދުގައި އޮންނަ ފަޅި އެވެ.
ފުލުހުން ވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މާދަމާ ހަވީރު 3:00 ގެ ކުރިން އެ ތަނުން ނެގުމަށް އަންގައިފަ އެވެ.
މާލެ ސަރަހައްދުގެ ޖުމްލަ 24 މިސްކިތެއްގައި ކުޑައީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ކޮންމެ އަހަރަކު ވެސް ކުޑަ އީދާއި ބޮޑު އީދުގައި މާލެ ސަރަހައްދުގެ އެކި މައިދާންތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މިހާރު އޮވެ އެވެ.
މި އަހަރުގެ ކުޑަ އީދު ދުވަހަށް ވަނީ އަންނަ ހުކުރު ދުވަހެވެ.