ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ގުދަނެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ. 

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ގުދަނުން ދުން އަރާ ކަމުގެ މައުލޫމާތު ލިބުމާ އެކު 10:00 ހާއިރު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އިން އެތަނަށް ދިޔައިރު ވެސް ވަނީ ގުދަނުގައި އެއްކޮށް ރޯވެފަ އެވެ. އެ ވަގުތުން ފެށިގެން އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ނަމަވެސް ކެމިކަލާ އެކު ރޯވި ގަދަ އަލިފާނުގައި ހިނދުކޮޅެއްގެ ތެރޭ ގުދަން ވަނީ އަނދައި ހުލިވެފަ އެވެ. 

ރޯވެފައިވަނީ ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގަ އެވެ. އެތަނުގެ އޮފިޝަލަކު ވިދާޅުވީ ކުންފުނީގެ މުދަލުގެ 80 ވަރަކަށް ޕަސެންޓް ރައްކާކޮށްފައި ހުންނާނީ އެ ގުދަނުގައި ކަމަށާއި އޭގެ ތެރޭގައި ކެމިކަލް ވެސް ހިމެނޭ ކަމަށެވެ. 

އޭނާ ބުނީ ގުދަން ހުރީ އިންޝުއާ ވެސް ނުކޮށް ކަމަށާއި ލިބުނު ގެއްލުން ޔަގީންކުރެވޭނީ މާދަމާ ކަމަށެވެ.

ކެމިކަލް އާއި ގަސްކާނާ ހުންނަ ގުދަނުގައި ރޯވެ އަނދަމުން ދާއިރު ސިފައިން އަލިފާން ނިއްވަން މަސައްކަތްކުރަނީ އަދި އެތަނުގެ ކައިރީގައި ފުލުހުންގެ ބަޔަކު. -- ފޮޓޯ: ނިޝާން އަލީ / މިހާރު
ކެމިކަލް އާއި ގަސްކާނާ ހުންނަ ގުދަނުގައި ރޯވެ އަނދަމުން ދާއިރު ސިފައިން އަލިފާން ނިއްވަން މަސައްކަތްކުރަނީ އަދި އެތަނުގެ ކައިރީގައި ފުލުހުންގެ ބަޔަކު. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އަލިފާން ނިއްވުމުގެ މަސައްކަތަށް އެއާޕޯޓްގެ ފަޔަ ވެހިކަލް ވެސް ވަކި ހިސާބަކުން ގެނެސް ބޭނުންކުރަން ފެށި އެވެ. ރޯވިތާ ދޮޅު ގަޑިއެއްހާއިރު ވީއިރު އަލިފާން ނިއްވާލެވިފައި ވިޔަސް ވިހަ ދުން ވަރަށް ބޮޑަށް ވަނީ ފެތުރިފަ އެވެ. 

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާތަނަށް ވަނީ ހަތަރު ގެޔަކުން މީހުން ހުސްކޮށްފަ އެވެ. އެކަމަކު މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް އަދި ނެތެވެ. އަދި އަލިފާންގަނޑު އެހެން ތަނަކަށް ފެތުރިގެންނެއް ވެސް ނުދެ އެވެ. 

ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވަން ފަޔަ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ފުރާޅެއްގެ މައްޗަށް އަރައި ފެން ޖަހަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވަން ފަޔަ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ފުރާޅެއްގެ މައްޗަށް އަރައި ފެން ޖަހަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ބުނި ގޮތުގައި ހަތަރު އާއިލާއެއްގެ 18 މީހަކު، ސޯޝަލް ސެންޓަރުގައިވާ މަރުކަަޒަކަށް ގެންގޮސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. 

އަލިފާން ރޯވި ގުދަން ހުންނަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެންނެވެ. ހާދިސާ ހިނގި އިރު އެތަނުގައި ދަނީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު ކޮމިޝަނުން ބުނީ އަލިފާނުގެ ހާދިސާއާ ހެދި މިހާރު އެ މަސައްކަތް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ.  

"ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީޚެއް ފަހުން އަންގާނެ ވާހަކަ ދަންނަވަން،" އީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި ރޯވެ އަނދާތީ އެ މަރުކަޒުގައި ހުރި ތަކެތި ނެރެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި ރޯވެ އަނދާތީ އެ މަރުކަޒުގައި ހުރި ތަކެތި ނެރެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމަކު އީސީން ބުނީ އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ ކަމަށާއި މިހާރު އެ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އެ މަސައްކަތުގައި އީސީގެ މުވައްޒަފުންނާއި ފުލުުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. 

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އަލިފާން ރޯވިއިރު އެތަނުގައި ބަޔަކު ތިބި ކަމެއް ސާފެއް ނޫނެވެ. 

މިއަދު ހެނދުނު ވެސް ވަނީ ގަލޮޅު މޯޗަރީ ކައިރީގައި ހުރި ހަނިގޯޅިއެއްގައި ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެފަ އެވެ. އެތަނުން އަލިފާން ކޮންޓްރޯލްވިއިރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. މި ރޯދަ މަހު އަލިފާނުގެ އެކި ހާދިސާތައް ހިނގާފައި ވާއިރު އދ. ދިގުރަށުގައި ވަނީ ބިދޭސީން އުޅޭ ގެއެއްގެ ރޯވެ ފަސް މީހަކު މަރު ވެސް ވެފަ އެވެ.