މާފަންނުގައި ހުރި ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން މުޅި މާލެއަށް ވިހަ ދުން ފެތުރިފައި ވާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެދިއްޖެ އެވެ.
ގުދަނުން ދުން އަރާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފުން އެތަނަށް ދިޔައިރު ޓިނާއި ލަކުނޑި ފަދަ ތަކެތިން ހަދާފައިވާ އެ ގުދަނުގައި ވަރަށް ގަދަޔަށް އަލިފާންގަނޑު ހިފައި މުޅި ތަނަށް އޮތީ ފެތުރެން ފަށައިފަ އެވެ.
މިރޭ 10:00 ހާއިރު ރޯވި އެ އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެތަނަށް ފެން ޖަހައި ކުރި މަސައްކަތުންނެވެ. އޭގެ ފަހުން 11 ޖެހި ފަހުން ވަނީ އެއާޕޯޓުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ވެހިކަލް ގެނެސް އެތަނަށް ފޯމު ޖަހަން ފެށިއިރު މުޅި އެ ސަރަހައްދާއި މާލެ ތެރެއަށް ވެސް ވަނީ ދުންގަނޑު ފެތުރިފަ އެވެ.
ފޯމު ޖަހަން ފެށުމުން، ދުރު ނުފެންނަ ވަރަށް ދުންގަނޑު އަރަން ފެށި އެވެ. ކެމިކަލް ވެސް ރައްކާކޮށްފައިވާ އެ ގުދަނުން ކެމިކަލްގެ ވަހާއި ދުން އަރާތީ އެޗްޕީއޭ އިން ވަނީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
ރޯވި ތަނުން ފެތުރެމުންދާ ދުމުގެ އަސަރު މުޅި މާލެތެރެއަށް ވަނީ ފެތުރިފަ އެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަށް ނުދިއުން.
- ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގަ އާއި ނޭފަތް ނިވާކުރުން. އެންމެ ރަނގަޅީ އެން95 މާސްކް ބޭނުންކުރުން.
- ނޭވާލާ ނިޒާމްގެ އަދި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާނެތީ އެމީހުން އިތުރަށް ސަމާލުވުން.
- ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުން.
- ނޭވާ ކުރުވުން / ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުން.
ގުދަނުގައި ރޯވި އަލިފާންގަނޑު އެހެން ތަނަކަށް ފެތުރުމުގެ ކުރިން ކޮންޓްރޯލްކުރެވުނު ނަމަވެސް އެ ހާދިސާގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ހަތަރު ގެއަކުން 32 މީހުންވަނީ ސޯޝަލް ސެންޓަރުގައި މިވަގުތު ގާއިމްކޮށްފައިވާ އިވެކިއުއޭޝަން ސެންޓަރަށް ވަގުތީގޮތުން ގެންގޮސްފައި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި ދުމުގެ އަސަރުކޮށް ހާލު ދެރަވި އަންހެނަކު ހޮސްޕިޓަލަށް ވެސް ގެންދަން ޖެހުނެވެ.
ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި އަލިފާން ރޯވިއިރު އެތަނުގައި ކުންފުނީގެ 80 ޕަސެންޓް މުދާ ހުރީ ރައްކާކޮށްފަ އެވެ. އެކަމަކު އެތަން ހުރީ އިންޝުއަރެންސް ނުހައްދަ އެވެ.