މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ވިލިމާލޭގައި އިމާރާތްކުރާ ފްލެޓްތައް އަޅަން ކަނޑައެޅި ބިމުގައި ހުރި ގަސްތަކުގެ ތެރެއިން ކަނޑާނީ ވީހާ ވެސް މަދު ގަހެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ. 

ވިލިމާލޭގެ މުހިއްޔުއްދީން ސްކޫލް ކުރިމައްޗަށް އޮންނަ ބިމުގައި ބިޔަކޮށް ހެދިފައި ހުރި ފުނަގަސްތައް ކަނޑަން އުޅޭތީ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގަސްތައް ކަނޑަނީ އެ ތަނުގައި ސަރުކާރު ހިންގަން އުޅޭ ފްލެޓް ޕްރޮޖެކްޓަށް ބޭނުންވާ ބިން ސާފުކުރުމަށެވެ. 

އެ ބިން ހުސްކުރުމަށް އެތަނުގެ ވަށައިގެން ޓިނު ޖެހުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. 

އާންމުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން މުއްތަލިބް ވިދާޅުވީ ފްލެޓް ޕްރޮޖެކްޓް ހިންގާނީ އެ ބިމުގައި ހުރި ގަސްތަކުގެ ތެރެއިން ވީހާ ވެސް މަދު ގަހެއް ކަނޑައިގެން ކަމަށެވެ. އަދި ކޮންމެހެން ނަގަން ޖެހިގެން ނޫނީ އެއްވެސް ގަހެއް ނުނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން އަޅުގަނޑުމެން ގެންގުޅުނު ވިސްނުން ބަދަލުކޮށް، ވީހާ ވެސް މިނިމަމްކޮށް ގަސް ކަނޑާނީ މިހާރު. ނުކަނޑާ ކޮންމެހެން ފަރުނުޖެހޭނެ ގަހެއް ކަނޑާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ވިލިމާލޭގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި، އެއީ ސަތޭކަ އެތަކެއް އަހަރެއްވީ ގަސްތަކެއް ކަމަށް ބެލެވެ އެވެ. އެހެންވެ، އެ ގަސްތައް ކެނޑުމަކީ ވިލިމާލޭގެ ވެއްޓަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. 

ވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ސޭވް މޯލްޑިވްސް ކެމްޕެއިން އިން މިކަމާ ދެކޮޅަށް ތެދުވުމަށް ގޮވާލައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ މި ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ ހައްގުތަކުން މަހްރޫމް ކުރުމަށް ސަރުކާރާއި މާލެ ސިޓީ ކައުންސިލުން ގެންގުޅޭ އުކުޅެއް ކަމަށެވެ. 

"ވިލިމާލޭގައި އޮތް ހަމައެކަނި ހުސްބިމުގައި ހުރި، 100 އަހަރަށް ވުރެ ގިނަ ދުވަސްވީ ބޮޑެތި ގަސްތައް ކަނޑާލައި، އެތަން ކޮންކްރީޓް ޖަންގައްޔަކަށް ހަދަން އެ ވަނީ ނިންމައިފައި،" އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ބުންޏެވެ. 

"މި ކުޑަކުޑަ ޖަންގައްޔަކީ ހަމައެކަނި ފެހިކަމެއް ނޫން. މިއީ ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ފެންގަނޑު ހިފަހައްޓައި، ރަށު ތެރޭގައި ފެންބޮޑުވިޔަނުދީ 'ސްޕޮންޖެއް' ފަދައިން މަސައްކަތްކުރާ ގުދުރަތީ ނިޒާމެއް."

އެކި ޕްރޮޖެކްޓުތަކަށް ވިލިމާލެއިން ގަސް ކަނޑާތީ ސަރުކާރަށް އަބަދުވެސް ފާޑުކިޔުން އަމާޒުވެ އެވެ. 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގައުމީ ބޭންކް، ބީއެމްއެލް މެދުވެރިކޮށް ހިންގާ ހައުސިން މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓް އަޅަން ވަނީ ނިންމައިފަ އެވެ. 

ބީއެމްއެލް މެދުވެރިކޮށް ޖުމްލަ 3،000 ފްލެޓް އަޅާއިރު، ހުޅުމާލެ 1 އަދި 3 ގައި އަޅާ ފްލެޓްތަކުގެ މަސައްކަތް މިހާރު ވަނީ ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.