މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުރުރާސްތާ އަށް ވިސްނައިގެން އަޅައި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމަށް ދިރާސާގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެެވެ. އެގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިން ފިޔަވައްސަކަށް ބަހާލައިގެން އެ މަސައްކަތް ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޮންމެ ސަރަހައްދެއްގައި ވެސް އޮއިލް ރިޒާވް ގާއިމުކުރުމަށް ގާތްގަނޑަކަށް ދޮޅު އަހަރާއި ދެ އަހަރުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ.
އެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 4-5 އަހަރާ ދެމެދުގެ މުއްދަތެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ތެލަކީ އެންމެ ބޮޑަށް ދިވެހިން ބުރަވާންޖެހޭ އެއް ކަމަށް ވާއިރު، އޮއިލް ރިޒާވް ގާއިމުކުރުމުގެ މަސައްކަތް މުހިއްމު ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުމަކީ ދޮޅު އަހަރުން ފޭސް އެއްގޮތަށް ގާތްގަނޑަކަށް ހަތަރު އަހަރާއި ފަސް އަހަރުން ތިން ސަރަހައްދެއްގައި އޮއިލް ރިޒާވެއް ގާއިމުކުރުން. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ދިރާސާތަކެއް ދަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮންމެ ފިޔަވައްސަކަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހޭ ކަމަށެވެ. އެ މަސައްކަތް ކުރާނީ އޭގެ ސަބަބުން ލިބޭނެ ފައިދާ އާއި ގެއްލުންތައް ބަލައި އެކަން ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ގޮތަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތެޔޮ ރިޒާވެއް ގާއިމުކުރަން ނިންމިއިރު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދަތިކަމެއް ނެތި ރާއްޖެ އަށް ތެޔޮ ލިބޭނެ ގޮތްތައް ހޯދުމަށް އިތުރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި، ރާއްޖެ އަށް އާންމުކޮށް ތެޔޮ އެތެރެކުރާ އޮމާންގެ އިތުރުން ސިންގަފޫރުކޮޅުން ތެޔޮ ޝިޕްމެންޓެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޒަމީރު ވިދާޅުވި ގޮތުގައި، މިހާރު ވެސް އެކަށީގެންވާ ވަރެއްގައި ތެލުގެ ސްޓޮކެއް ރާއްޖޭގައި އެބަހުއްޓެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެހެން ގައުމުތަކަކޭ އެއްގޮތަށް ރާއްޖެއަށް ވެސް އޭގެ ބޮޑު އަސަރެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވެ އެވެ. ރާއްޖެއަކީ ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 31 ޕަސެންޓް އަންނަނީ މެދުއިރުމަތީގެ އެއާޕޯޓުތައް މެދުވެރިކޮށެވެ.
ރައީސް ވިދާޅުވީ ހަނގުރާމަ ފެށުނު ފަހުން މިވީ ވިއްސަކަށް ދުވަހުގެ ތެރޭގައި ޓޫރިޒަމްގެ 21 އިންސައްތަ ދަށްވި ކަަމަށެވެ. އެހެންވެ، އެ އަދަދުތައް އިތުރުކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.