ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ. 

ސުޕްރީމް ކޯޓުން ބަލައިގެންފައިވަނީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އަދި ވަކީލް އިބްރާހިމް ޝިޔާމު ހުށަހެޅި ދުސްތޫރީ މައްސަލަ އެވެ. 

ވަކީލް އައިކް އަދި ޝިޔާމްގެ ފަރާތުން ހުށަހެޅީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ، އެ ސުވާލު ހިމެނޭ ގޮތަށް ފެންނަ ނުފެންނަ ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ. 

ސުޕްރީމް ކޯޓުން މިހާރު ވަނީ އެއީ އެ ކޯޓުގެ ގަވައިދާ އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މައްސަލައަށް ހުއްދަ ދީފައިވާ ކަން ވަކީލުންނަށް އަންގައިފަ އެވެ. 

ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވެސް ވަނީ އާންމު ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އޭނާ ހުށަހެޅުއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށެވެ. އެ މަައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމި ކަމެއް އަދި ނޭނގެ އެވެ. 

ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވެސް ވަނީ މީގެ ކުރިން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.