އިއްޔެ އަވަހާރަވި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުއްޝަކޫރު އަބްދުﷲގެ ހަށިގަނޑު ރާއްޖެ ގެނެސް، މިއަދު ކަށުނަމާދު ބާއްވަން ނިންމައިފި އެވެ.

ގައުމީ ދިފާއީ ބާރު އަދި ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރައްވައި ރިޓަޔާކުރެއްވި ޝަކޫރު އަވަހާރަވީ އުމުރުން 75 އަހަރުގައި އިއްޔެ ހެނދުނު އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން އަންނަނިކޮށް އިންޑިއާގަ އެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު، ރޭ ދަންވަރު ވަނީ މާލެ ގެނެސްފަ އެވެ.

ކަށުނަމާދު ޕޭޖުފައިވާގޮތުން ޝަކުރުގެ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.

ފުލުހުންގެ ހިދުމަތުން ޝަކޫރު ރިޓަޔާކުރެއްވީ މާޗު 5، 2009 ގަ އެވެ. 

ރިޓަޔާމަންޓާ ގުޅޭގޮތުން އޭނާ އޭރު ވިދާޅުވީ ފުލުހުންގެ އިދާރާއަށް ކޮށްދެވުނު ހިދުމަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. 

"އަޅުގަނޑު އެންމެ ކުރިން ވެސް ނިންމައިގެން ހުރީ ހިދުމަތަށް 43 އަހަރު ވުމުން މަގާމުން އިސްތިއުފާ ދޭން. މިހާރު ފުލުހުންގެ ގާނޫނުން ވޮލަންޓްރީކޮށް ރިޓަޔާ ހުށައެޅުމަށް ފުރުސަތު ލިބުމުން އަޅުގަނޑު އެގޮތަށް ހުށައެޅީ،" ޝަކޫރު އޭރު ވިދާޅުވެފައިވެ އެވެ.

ޝަކޫރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު  ވަނީ ތައުޒިޔާ ކިޔުއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޝަކޫރަކީ ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރަން ހިތްވަރާ އެކު ޖިހާދުކުރެއްވި ބޭފުޅެއް ކަމަށެވެ.

އޭގެ އިތުރުން އެއީ ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންތިޒާމުތައް ރަނގަޅު ކުރުމާއި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ޝަކޫރަކީ މުޅި ހަޔާތްޕުޅުގައި ވެސް ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ.