ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރައްޔިތުން ނިންމިޔަސް ޑިމޮކްރަަސީއާ ގުޅޭ ސުވާލުތައް މަދު ނުވާ ކަމަށާއި ޑިމޮކްރަސީ ރަނގަޅަށް ޕްރެކްޓިސް ކުރެވޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖޭގެ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅުވައިގެން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕޮލިސީއެމްވީ އިން ބޭއްވި ޕެނަލް ޑިސްކަޝަންގަ އެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބު އާޒިމާ ވިދާޅުވީ، އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވިޔަސް ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ ސުވާލުތައް ރައްޔިތުން ކުރާނެ ކަަމަށެވެ.
"ޑިމޮކްރަސީގެ ސުވާލުގެ އަދަދުތޯ މަދުވަނީ ސުވާލު އަހާ ފަހަރުތޯ މަދުވަނީ؟ އެއްވެސް ހާލެއްގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް އަޅުގަނޑުގެ ދާއިރާގައި އިންތިހާބު ކުރާނީ މިވެނި މީހަކު، އޭގައި އަޅުަގަނޑުގެ ސޭ އެއް މަދެއް ނުވޭ. އެހެންވީމާ ދުސްތޫރީ އޮނިގަނޑުގައި މި ކަންތައްތަކާ މެދު ހަގީގަތުގައި ވިސްނަން އެބަޖެހޭ،" އާޒިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ހިންގަން ޖެހެނީ އަބަދުވެސް ރައްޔިތުންނަށް ވަޒީފާ ދީގެން ނުވަތަ ރައްޔިތުންނަށް "ފޭވާކޮށްގެން" ކަމަށް ބުނާ ބުނުން ފަހަނައަޅައިދާން ޖެހެ އެވެ. އެހެންވެ، ރާއްޖެ އަށް ބޭނުންވަނީ "ބާރުގަދަ ރިޔާސީ ނިޒާމެއް" ކަމަށާއި ދައުލަތުގެ ދަރަންޏާއި ހާރިޖީ ސިޔާސަތު އެ ނިޒާމުގެ ތެރެއިން މެނޭޖު ކުރެވެން ޖެހޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
"ކޮންމެ ފަސް އަހަރަކުން އެއްފަހަރު ނޫނީ ތިން އަހަރަކުން އެއްފަހަރު ޖުޑިޝަރީ ބަދަލުކޮށްފައި، ފޮރިން ޕޮލިސީ ބަދަލުކޮށްފައި އެހެން އޮންނަ ނިޒާމެއް ނޫން. އެހެންވީމާ ދަ ލެސާ އިންތިހާބުތައް ދަ މޯސްޓް ސްޓެބިލިޓީ [ބޭނުންވަނީ}،" އޭނާ ވިދާޅުވި އެވެ.
ތާރީހުގައި ކަންކަން ވެފައިވާ ގޮތަށް އަލިއަޅުވައްލައްވަމުން އާޒިމާ ވިދާޅުވީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އިންތިހާބުތައް ހުއްޓުވޭނެ އެއްވެސް ގާނޫނީ އޮނިގަނޑެއް ނެތް ކަަމަށާއި ވެރިކަމުގައި ތިއްބަވައިގެން އެއްވެސް ބޭފުޅަކަށް މިހާތަނަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވި ކަމށެވެ.
"ވަރަށް ހަގީގީ ކަމަކީ ދިވެހިންނަށް މިކަން އެބަ އެނގެއޭ. ތިމަންނަމެން ބޭނުން ނޫން ބަޔަކު ކިތަންމެ ވަޒީފާއެއް ދިނަސް، ކިތަންމެ ޕްރޮޖެކްޓެއް ހިންގިޔަސް އެ އެއް [ރިޔާސީ ދެވަނަ ދައުރެއް ދިނުން] އަޅުގަނޑުމެންނަށް ތާރީހުގައި ފެންނާކަށް ނެތް،" އާޒިމާ ވިދާލުވި އެވެ.
ރޭގެ ޑިސްކަޝަންގައި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވީ، 2019 ގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ތާއީދު ހޯއްދަވަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ކުރެއްވިއިރު ވެސް މައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއްކޮށްލަން އެ މަނިކުފާނު ތާއީދު ކުރެއްވި ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ދާދި ފަހުން ތާއީދު ކުރެއްވިކަން ދިޔާނާ ފާހަގަކުރެއްވި އެވެ.
އެކަމަކު، މި ފަހުން އެ ދެ ބޭފުޅުން ވެސް ވަނީ ވިސްނުންފުޅު ބަދަލުކުރައްވައިފަ އެވެ.
ދިޔާނާ ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ވަކިން ބޭއްވުމުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ސަރުކާރު ނުކުންނަނީ ދައުލަތުގެ ހުރިހާ ބާރަކާ އެކު ކަމަށެވެ. އެ ހާލަތުގައި މަޖިލިސް ބެލެންސްވުން ނިމުމަކަށް އަންނަ ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުގެ ނުފޫޒަށް ރައްޔިތުން ލެނބޭ ކަމަށް ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.