ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އެއް ޕާޓީއަކަށް ނުވަތަ އެ ވަގުތަކު އޮންނަ ސަރުކާރަކަށް ނުލިބެން އޮތް ގޮތަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާސީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ މައި ދެ އިންތިހާބު އެް ދުވަހެއްގައި. ބޭއްވުމުގެ ފައިދާ އާއި ގެއްލުމާ ގުޅޭ ގޮތުން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕޮލިސީ އެމްވީ އިން ބޭއްވި ޑިސްކަޝަންގައި ދިޔާނާ ވިދާޅުވީ، އިންތިހާބަށްޓަކައި ދައުލަތުން ނުކުންނަނީ ދައުލަތުގެ ކުންފުނިތަކާ އެކު ކަމަށާއި ސުޕަ މެޖޯރިޓީ ޕާލަމެންޓު އިންތިބު ވަނީ ދައުލަތުން މުތުލަގު ބާރާއިގެން ނުކުންނާތީ ކަމަށެވެ. 

"އެހެންވީމާ ސުޕަ މެޖޯރިޓީ ޕާލަމެންޓެއް މި އަންނަނީ ރައީސަކު އިސްވެ އިންތިހާބު ވެފައި އޭގެ ފަހަށް މަޖިލިސް އިންތިހާބުވާތީވެ. މި ނިޒާމުން އަޅުގަނޑުމެންނަށް ތި ވިދާޅުވި ހުރިހާ ސްޓެލްކޯތަކެއް ހިއްޕަވައިގެން ނުކުންނާތީވެ މުތުލަގު އަޣުލަބިއްޔަތު އޮންނަ މަޖިލިސްތައް ލިބިފައި އޮތީ،" އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމާ ދެކޮޅަށް ރޭގެ ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ދެއްކެވި ވާހަކައަކަށް އިޝާރާތް ކުރައްވަމުން ދިޔާނާ ވިދާޅުވި އެވެ. 

"އޭތި ބްރޭކް ކުރެވޭނެއޭ އަޅުގަނޑުމެންނަށް އެއް ދުވަހެއްގައި އިންތިހާބަށް ދިޔައީމާ." 

ދިޔާނާ ވިދާޅުވި ގޮތުގައި އެއް ދުވަހެއްގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމުން ސުޕަ މެޖޯރިޓީ މަޖިލިސް ނައްތާލެވޭކަން އެއީ ތަފާސްހިސާބުތަކާއި ވޯޓު ދޭ ގޮތުން ފެންނަން ހުރި ކަންކަމެވެ. 

ރޭގެ ޑިސްކަޝަންގައި ރާއްޖޭގެ ފުރަތަމަ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވި ގޮތުގައި، މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކަށް ބަލާއިރު އެ ވަގުތަކު ވެރިކަން ކުރައްވާ ބޭފުޅުންނަށް ފައިދާވާ ތަނެއް ނުފެނެ އެވެ. ހާއްސަކޮށް މި ފަހަރު ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓުގެ ސަބަބުން މިހާރުގެ ސަރުކާރަށް ވާނެ ފަައިދާއެއް ފެނިވަޑައިނުގަންނަވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"މިސާލަކަށް ތިއަރިޓިކަލީ ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑުމެންގެ ތާރީހަށް ބަލައިފި ކަމަށް ވަންޏާ، ކަން ހިނގާފައިވާ ގޮތަށް ބަލައިފި ކަމަށް ވަންޏާ ހަގީގަތުގައި އަޅުގަނޑު ދެކޭގޮތުގައި މިއީ ސަރުކާރުން ނަގާ ރިސްކެއް،" އާޒިމާ ވިދާޅުވި އެވެ. 

ދިޔާނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅެނީ އަވަސްއަރުވާލައިގެނެއް ނޫނެވެ. އެ ކަމަށް ބާރު ދެއްވަމުން އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ހިންގުމުގެ ނިޒާމުތަކަށް ބަދަލު ގެންނަވަނީ ފަހަރަކު ކަމަކަށް އިސްކަން ދެއްވާ ތަރުތީބުން ކަމަށެވެ. 

އެގޮތުން ލާމަރުކަޒީ ނިޒާމަށް މިދިޔަ އަހަރު ގެނައި ބަދަލުގެ ދަށުން އަތޮޅު ކައުންސިލްތައް އުވާލެއްވުމާއި ލޯކަލް ކައުންސިލްތައް ކުޑަކުރުމާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ފުލްޓައިމް ބޭފުޅެއް ކަަމަށް ހަމަޖެއްސެވުން ހިމެނޭ ކަމަށް ދިޔާނާ ވިދާޅުވި އެވެ. 

"މިއީކީ އޯވަނައިޓް ނޫނިއްޔާ ސިންގަލް ބަދަލެއް ނޫން،" އޭނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވާ މެމްބަރުން ވަކި ހިސާބަކުން ޕާޓީ ބަދަލުކުރައްވައިފި ނަމަ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ބަދަލުކުރެއްވީ ވެސް އެއީ ހައްލެއް ބޭނުންވާ ކަމަކަށް ވާތީ ކަމަށް ދިޔާނާ ވިދާޅުވި އެވެ. އެ ބަދަލު ގެނައި ގޮތާ މެދު ހިޔާލު ތަފާތުވުން ހުއްޓަސް އެއީ ކުރަންޖެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެހެންވީމާ މިއީ އިން އައިސޮލޭޝަން ގެންނެވި ބަދަލުތަކެއް ނޫން. މިއީ ސީރީސް އޮފް ބަދަލުތަކެއް. އަނެއްކާ މި ބަދަލުތަކާ އެކު ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި. އެ ވާހަކަފުޅު ވެސް ދައްކަވާފައި އޮތީ. އޭގެ ތެރޭގައި ޒުވާން ބޭފުޅުންގެ ރިޕްރެޒެންޓޭޝަން އިތުރު ކުރުމާއި އަދި ހަމަ އެހެންމެ މަޖިލިސް ބޮޑުވެގެން އަތްނުފޯރަ ހިސާބުގައި މި އޮތީ. އެހެންވީމާ އެ ކުޑަކުރުމުގެ މަސައްކަތްޕުޅު ވެސް،" ދިޔާނާ ވިދާޅުވި އެވެ.