ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ފައިދާާ ކުރަނީ ސިޔާސީ މީހުންނަށް ކަމަށާއި "ވޯޓު ގަތުމަށާއި" އެހެން ކަންކަމަށް ކުރަންޖެހޭ ހޭދަ އެއީ އެއް ސަބަބު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ރޭ ވިދާޅުވެއްޖެ އެވެ. 

އޭނާ އެހެން ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނުކުންނާނެ ނަތީގެ "ދެފަރާތް" ހާމަކުރުމަށް ޕޮލިސީއެމްވީ އިން ބޭއްވި ޑިސްކަޝްނަގަ އެވެ. 

އޭނާ ވިދާޅުވީ، އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސިޔާސީ މީހުން ރައްޔިތުން ކައިރިއަށް ގޮސް ހަރަދު ކުރަންޖެހޭ ވަރު ދެ ފަހަރުގެ ބަދަލުގައި އެއްފަހަރަށް ބަދަލުވާ ކަމަށެވެ. 

"އޭގެ މިސާލެއް ނޫންތޯ ރާއްޖޭގައި ވުޖޫދުގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ދެ ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީއެއް އެ ތިބީ މިކަމަށް ތާއީދު ކޮށްގެންނޭ. އެއީ އެ މީހުންނަށޭ މީގެއިން ފައިދާ އޮތީ،" އަންޑޭ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދެ އިންތިބާު އެއް ދުވަހެއްގައި ބޭއްވިޔަސް އިގުތިސާދީ ގޮތުން ލިބޭ މަންފާއެއް ނެތެވެ. 

"ހަމަޖެހުމަކަށް މަންފާއެެއް ނެތް،" އަންޑޭ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި 2023 ގެ ރިޔާސީ އިންތިހާބުގެ ދެ ބުރު ބާާއްވައި ނިމުނިއިރު ދައުަލަތުން އެކަމަށް ހަރަދުކުރީ 85 މިލިއަން ރުފިޔާ އެވެ. އޭގެ ފަހުން 2024 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ އެކު އެ ދެ އިންތިހާބަށް ހަރަދުކުރީ 147 މިލިއަން ރުފިޔާކަން އަންޑޭ ފާހަގަކުރެއްވި އެވެ.

"މިއީ 2026 ވަނަ އަހަރު، އަޅުގަނޑުމެން މިހާރު ފާސްކޮށްގެން މި ހިނގާ ބަޖެޓަށް ބަލާ ނަމަ އެ ބަޖެޓުގެ އެންމެ އިންސައްތައެއްގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ކުޑަމިންވަރެއް. މިއީ އަޅުގަނޑުމެން ސަލާމަތް ކުރަން ވެގެން، ބޮޑެތި މަޝްރޫއުތައް ހިންގަން ސަލާމަތް ކުރަން ބޭނުންވެގެންް އުޅޭ އަދަދުތޯ؟" އޭނާ ސުވާލު ކުރެއްވި އެވެ.

"އާބާދީގެ ނިސްބަތުން ބަލާ ނަމަ ބޮލަކަށް މި ޖެހެނީ 146ރ، ހަތަރު ލައްކަ މީހުންނަށް ބަހާލައިފިއްޔާ ބޮލަކަށް މި ޖެހެނީ 386ރ. ޑިމޮކްރަސީގެ ކޮސްޓު މާ ބޮޑުވެގެންތޯ މި އުޅެނީ؟"

އަންޑޭ ހަވާލާ ދެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން 2023 ގެ ރިޔާސީ އިންތިހާބުގެ ދެ ބުރާއި 2024 ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ފަސް އަހަރަށް ބަހާލައިފި ނަމަ ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލަކަށް އަހަރަކު ޖެހެނީ 74ރ. އަދި ދުވާލަކަށް 20 ލާރި އެވެ. 

އަންޑޭ ވިދާޅުވީ، ސީޝެލްސް ފަދަ ބައެއް ގައުމުތަކުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ކަމަށާއި ހަރަދު ކުޑަވަނީ ދެ އިންތިހާބުގެ ހަތަރުބައިކުޅަ އެއްބައި ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.

"ސަތޭކަ ސާޅީސް ހަތް މިލިއަންގެ ހަތަރުބައިކުޅަ އެއްބަޔަކީ ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ. ފަސް އަހަރަށް ބަހާލައިފިއްޔާ އެއީ އަހަރަކަށް އެންމެ އަށް މިލިއަން ރުފިޔާ. ދިވެހި ރައްޔިތެއްގެ ބޮލަކަށް ޖެހޭ ވަރަށް ބަލައިފިއްޔާ މި ސަލާމަތް ކުރެވެނީ އެންމެ ފަސް ލާރި،" އޭނާ ވިދާޅުވި އެވެ.