މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީ އަށް މިއަދު 18 އަހަރު ވީއިރު، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް އިންތިހާ އަށް އޮތުމުގެ ސަބަބުން ގިނަ އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ފައިސަލް އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ ފެހި ގާނޫނުއަސާސީ އަށް މިއަދު 18 އަހަރު ފުރުނުއިރު، ވެރިކަމުގެ ހަތަރު ދައުރެއް ރައްޔިތުންނަށް ފެނިފައިވާ ކަމަށާއި އެ ވެރިކަންތަކުގައި ރާއްޖެ އަށް ތަފާތު ހެޔޮ ބަދަލުތަކެއް އައިސްފައިވާތަން ވެސް ފެނިފައިވާ ކަމަށެވެ.
"ނަމަވެސް، ފެހި ގާނޫނުއަސާސީގައި އިންތައް ވަކި ކުރި ގޮތާ ހިލާފަށް، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް މިހާރު އިންތިހާ އަށް އޮތުމުގެ ސަބަބުން، ގައުމު ދާން ޖެހޭ މިސްރާބަށް ނުދިޔުމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެވެ،" ފައިސަލް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ 2004 އާއި 2008 ވަނަ އަހަރާ ދެމެދު، ފެހި ގާނޫނުއަސާސީ އެކުލަވައިލުމަށް ކުރި މަސައްކަތުގައި ވަރަށް ފޮނި އުންމީދުތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް، އެ އުންމީދުތައް ރައްޔިތުންނަށް ހާސިލުވި މިންވަރާ ދޭތެރޭގައި ވިސްނާލުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް އެންމެ ފަހުގެ އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބެއްގެ ގޮތުގައި ހުންނެވި ފައިސަލް ވިދާޅުވި އެވެ.
ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުކޮށް، އިގުތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ގާނޫނުއަސާސީ އަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރުކަން ވެސް ކުރެއްވި ފައިސަލް ވަނީ ގާނޫނުއަސާސީ އަށް ގެންނަން ފެނިވަޑައިގަންނަވާ ބައެއް އިސްލާހުތައް ވެސް އެ ޕޯސްޓުގައި ހިއްސާކުރައްވައިފަ އެވެ. އޭގެ ތެރޭގައި؛
- ރައްޔިތުންގެ މަޖިލީހުގެ އަދަދު 60 މެމްބަރުންނަށް މަދުކޮށް، މުޅި އަތޮޅުން ވޯޓު ދީގެން މެމްބަރުން އިންތިހާބުކުރުން.
- ފަނޑިޔާރު ގޭގެ މިނިވަންކަން ކަށަވަރު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރުން އައްޔަންކުރާ ގޮތާއި އުއްތަމަ ފަނޑިޔާރު އައްޔަންކުރާ ގޮތް ބަދަލުކުރުން.
- މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް، މަޖިލީހަށް ނަން ހުށަހަޅައިގެން މަޖިލީހުން ފާސްކުރުން.
- ގާނޫނުއަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާއަށް އެއްވެސް އިމެއް އަދި މިނެއް ނެތި ދީފައިވާ ބާރުތައް އިސްލާހުކުރުން.
- ސަރުކާރު ހިންގުމަށް މިނިސްޓްރީތަކާއި އޮފީސްތައް އަދި ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އައްޔަންކުރެވޭނެ ވަކި އަދަދެއް ކަނޑައެޅުން. އަދި އެ މުވައްޒަފުން އައްޔަންކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައެޅުން.
- ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް އަތޮޅުތައް ހިންގުން ބަދަލުކޮށް، ރަށްރަށަށް ބާރުތައް ދޫކޮށްލުން. އަދި، ތައުލީމާއި ސިއްހަތާއި ބޯހިޔާވަހިކަމާއި ވިޔަފާރި އަދި ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ގޮތަށް، ރާއްޖެ ތަރައްގީކުރުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅުން. އިންޓަނޭޝަނަލް އެއާޕޯޓުތައް ތަރައްގީކުރާ ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާ ކުރުމަށް ހާއްސަ އިސްކަމެއް ދިނުން. އަދި އެ ހާއްސަ ސަރަހައްދުތަކުގައި އިގުތިސާދު ސިންދަފާތުކުރުމަށް އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް ވެސް އިސްކަންދިނުން.
- ރާއްޖޭގެ ދުރު ރާސްތާގެ ތަރައްގީގެ ޕްލޭނެއް ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލުކުރުން. އަދި ސަރުކާރު ބަދަލުވި ނަމަވެސް، ފަށާފައި ހުރި ގައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލާޒިމުކުރުން.
- ކާބޯތަކެތީގެ ޔަގީންކަން ދަމަހައްޓައި، އެހެން ގައުމުތަކަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުން.
- މީހުން ބިނާކުރުމުގައި ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަންދީގެން، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަ ފެންވަރެެއްގައި މީހުން ބިނާކުރުމުގެ ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދިޔުން. އަދި މި މަޝްރޫއު ވަޒީފާގެ ބާޒާރާ ގުޅުވައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ގޮތަކަށް ބައްޓަންކުރުން.
ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން އައި ވެރިކަންތަކުގައި ނައިބު ރައީސެއްގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސް ވެސް ކަމަށްވާ ފައިސަލް ވިދާޅުވީ ރާއްޖޭގެ ވިޔަފާރި އާއި ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު އިތުރުކުރުމަށް ގެންނަން ޖެހޭ ގިނަ ބަދަލުތައް ވެސް އެބަހުރި ކަމަށެވެ.
އޭގެ ތެރޭގައި، ޓޫރިޒަމް ދާއިރާގެ މަތީ މަގާމުތައް ދިވެހިންނަށް ލިބޭނެ ފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަންކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސްކީމްތައް ތައާރަފުކޮށް ވިޔަފާރިތަކަށް ދިވެހިން ވަނުމަށް ހިތްވަރުދީ، މަގު ހުޅުވައިދިނުމުގެ އިތުރުން ރިސޯޓުތަކުގައި ކުރާ ތާޑް ޕާޓީ ވިޔަފާރިތައް ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިންނަށް ލިބޭނެ ގޮތަކަށް ޓޫރިޒަމްގެ ސިނާއަތާ މަޝްވަރާކޮށް އެކަމަށް މަގެއް ހުޅުވުން ހިމެނޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް މިފަދަ ޕޯސްޓެއް ކުރެއްވި އިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓު އެ މަނިކުފާނު ރައީސް ކަމަށް ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.