ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭ "ރިކޯލް ވޯޓު" ނެގޭ ގޮތް ހެދުމަށް ގާނޫނެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީން ގެނެސްދިން "ރައީސް" ޕްރޮގްރާމެއްގައި އެ މަނިކުފާނު ވިދާޅުވީ އިސްލާހީ އެޖެންޑާގެ ދަށުން ހުށަހެޅުމަށް ބޭނުންވާ އިތުރު ކަންކަން އެބަހުރި ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުން އެ މީހުންގެ ދައުރުގެ ތެރޭގައި ވަކިކުރެވޭނެ ގޮތަށް ރިކޯލް ވޯޓް ނެގޭނެ ގޮތައް ގާނޫނެއްގައި ކަނޑައެޅުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެއް ކަމަށެވެ.
"އެހެންވީމާ ދައުރުގެ މެދުތެރެއިން މަޖިލިސް އިންތިހާބު ބާއްވާކަން ނުޖެހޭނެ. ހަމަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބާއްވާފައި މެމްބަރުން ހޮވަންވީ. ހޮވާފައި ދައުރު ތެރޭގައި އެ ގާނޫނަށް ކަނޑައަޅާ ޝަރުތެއް ނޫނީ ކަމެއް އުނިވީ. އެ ހިސާބުން ރައްޔިތުންނަށް ފުރުސަތު އެބަ ލިބޭ އެ ގޮނޑިން [މެމްބަރު] ބޭރުކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މާނައަކީ މަޖިލިސް މެމްބަރުން ނުވަތަ ކައުންސިލަރުންގެ ޕާފޯމަންސް ދަށްވީ. ނޫނީ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން އެ މީހުންގެ ކިބައިން ދިޔައީ. އެ ހިސާބުން ރައްޔިތުންނަށް ފުރުސަތު ލިބޭނެ އެ ކަނޑައެޅިފައި އޮންނަ ގޮތަކަށް ޕެޓިޝަން ހުށަހަޅައިގެން، ވަކި އިންސައްތައެއްގެ ވޯޓު ހަމަކޮށްގެން މި ކަހަލަ ތަފްސީލުތަކެއް [ގާނޫނުގައި] ހުންނާނެ."
ރައީސް ވިދާޅުވި ގޮތުގައި އެ ބަދަލާ އެކު، ރައްޔިތުންގެ މަޖިލިހާއި ކައުންސިލްތަކާއި ސަރުކާރު ވެސް ހިނގާނީ ވަރަށް ހަރުދަނާކަމާ އެކު ކަމަށެވެ. އަދި އެ ބަދަލުގެ ސަބަބުން ކައުންސިލާއި މަޖިލިސް ވެސް ކުރިއަށް ދާނީ ހަމަހަމަކަމާ އެކު، ޖަވާބުދާރީ ކުރުވޭ އުސޫލަކުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ ހަފްތާ ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފެންނަ ނުފެންނަ ވޯޓަށް ފަހު ގާނޫނުތަކަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ގަސްދުކޮށް، އޭގެ މަސައްކަތްތަކެއް ކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހުތައް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.