ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީ އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދަން ނިންމި ގުރުއާން ކްލާސްތަކުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ހިލޭ، ގުރުއާން ހިތުދަސްކޮށްދިނުމަށް އެ ޖަމިއްޔާއާ އެކު އެޗްޑީސީން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެޗްޑީސީން މިއަދު ބުނީ އެ ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވައިލުމުން އުމުރުން ހަތް އަހަރާއި 10 އަހަރާ ދެމެދުގެ 103 ކުދިން ބައިވެރިވެފައިވާ ކަމަށެވެ.
ހުޅުމާލޭގެ އެކި މިސްކިތްތަކުގައި އެ ކްލާސްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ކުދިން ވަކިން ސެޝަންތަކަކަށް ބަހާލައިގެން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި ކިޔަވައިދިނުން ކުރިއަށް ގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ.
އެއީ ގުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް އިތުރުކޮށް، ފުޅާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން ދީފައިވާ ތަފާސްހިސާބުތަކުގައި ބުނެފައި ވަނީ ރާއްޖޭގައި މިވަގުތު 301 ހާފިޒުން އެބަތިބި ކަމަށާއި ހާފިޒުންނަށް ވުމަށް އެކި ކްލާސްތަކުގައި 1،800 އަށް ވުރެ ގިނަ މީހުން ގުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށެވެ. އެއީ ގުރުއާން ހިތުދަސް 162 ފިރިހެން ހާފިޒުންނާއި 139 އަންހެން ހާފިޒުންނެވެ.
އިސްލާމިކް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ މި ސަރުކާރުގެ ފަސް އަހަރު ތެރޭ ރާއްޖޭގައި ތިބި ހާފިޒުންގެ އަދަދު 500 އަށް އިތުރު ކުރުމެވެ.