ހުޅުމާލެ 3 ގެ ފުރަތަމަ މިސްކިތް އިމާރާތް ކުރުމަށް އެޗްޑީސީން އިސްލާމިކް މިނިސްޓްރީ އަށް މިއަދު ބިން ހަވާލުކޮށްފި އެވެ.
އެ ކުންފުނިން ބުނީ، ހުޅުމާލޭގައި މިސްކިތް އިމާރާތް ކުރުމަށް އިތުރު ދެ ބިން އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ ހުޅުމާލެ 2 އަދި 3 ގައި އިމާރާތްކުރާ މިސްކިތެއް ކަމަށް އެ އެޗްޑީސީން ބުންޏެވެ.
މިސްކިތް އިމާރަތްކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެޗްޑީސީން ބުނި ގޮތުގައި، މިސްކިތް އިމާރާތްކުރުމަށް ހުޅުމާލެ 2 އިން ދޫކޮށްފައި ވަނީ 27،920 އަކަފޫޓުގެ ބިމެކެވެ. ހުޅުމާލެ 3 އިން ދޫކުރީ 21،952 އަކަފޫޓޫގެ ބިމެކެވެ.
"ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަ ކޮށްދިނުމަށް މި ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުން،" އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ 2 ގައި ހިޔާ ފްލެޓް ސަރަހައްދުގައި މިސްކިތެއް އިމާރާތްކުރުމަށް މި ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. މިދިޔަ ރޯދަމަހު ހުޅުމާލެ 2 ގައި ދާއިމީ އާ މިސްކިތެއް ހުޅުވި އެވެ. ހުޅުމާލެ 2 ގައި މިހާރު ހުންނަނީ ދާއިމީ ދެ މިސްކިތާއި ވަގުތީ ދެ މިސްކިތެވެ.