މިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުން ގޯތި ލިބުނު މީހުންގެ ތެރެއިން ގޯތި ދޫކޮށްލުމަށް ފަހު ފްލެޓަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލެއިން ދޫކުރި ގޯތި ލިބުނު މީހުންގެ ތެރޭގައި ވަރަށް ނިކެމަތި މީހުން ހިމެނޭ ކަމަށެވެ.
އެހެންވެ، ބިމުގައި ގޯތި އެޅުމަށް ވަރަށް ގިނަ ދުވަސް ނަގާނެތީ އެ މީހުންނަށް އިތުރު ގޮތެއް ހޯދައިދިނުމަށް ބައެއް ފަރާތްތަކުން އެދެމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މީހުން އެދެނީ އެ ގޯތި ދޫކޮށްލާފައި މިހާރު ހުޅުވާލާފައިވާ ފްލެޓު މަޝްރޫއުއަށް ކުރިމަތިލެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށެވެ.
"ވަރަށް ގިނަ މީހުން އެބަ ތިބި ނިކަމެތި ރައްޔިތުން މީހުންނާ ޖޮއިންޓް ނުވެ ލިބިފައި [ގޯތި] ތިބި މީހުން. ޖޮއިންޓްވެގެން ވިޔަސް ވަރަށް ނިކަމެތި ފަރާތްތައް އެބަތިބި. އެހެންވީމަ އެފަރާތްތަކުން އެ ތަންތަން ހަދަން ނޫނީ އެ ގޯތި ލިބި އޭގައި އިމާރާތްކުރަން ވަރަށް ދުވަސް ނަގާނެތީ ވަރަށް ގިނަ ރައްޔިތުން އެބަ އެދޭ ކޮންމެވެސް ފުރުސަތެއް ހުޅުވާލެވޭނެތޯ ގޯތި ދޫކޮށްލާފައި މިހާރު އަޅަމުންދާ ފްލެޓުތަކަށް ކުރިމަތިލުމަށް،" ރައީސް ވިދާޅުވި އެވެ.
އެެހންވެ، އެ އިންތިޒާމު ހަމަޖައްސައިދެއްވަން ނިންމެވިކަން ރައީސް އިއުލާންކުރެއްވި އެވެ.
ރައީސް ވިދާޅުވީ ގޯތި ދޫކޮށްލައި ފްލެޓަށް ކުރިމަތިލުމުން ހުސްވާ ގޯތިތަކާ މެދު ދެ ގޮތަކަށް އަމަލުކުރެވިދާނެ ކަމަށާއި އެއް ގޮތަކީ އާ ސްކީމަކުން އެ މީހުންނަށް ފުރުސަތު ދިނުން ކަމަށެވެ. ނުވަތަ ބިންވެރިޔާ ސްކީމަށް ކުރިމަތިލި މީހުންގެ ތެރޭގައި އެންމެ މަތިން މާކްސް ލިބިފައި ތިބި މީހުންނަށް އެ ގޯއްޗެއް ދޫކޮށްލުން ކަމަށް ވިދާޅުވި އެވެ.
ގޯތި ދޫކޮށްލަން ޖެހޭނީ، ރައީސް ވިދާޅުވި ގޮތުގައި، ފްލެޓް ލިބުނުކަން ކަށަވަރުވުމުންނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފްލެޓަކީ ވަރަށް ފަސޭހައިން ލިބޭނެ އެއްޗަކަށް ވިޔަސް ގޯއްޗަކީ އަމިއްލައަށް އިމާރާތް ކުރަންޖެހޭ ތަނެއް ކަމަށާއި ގުޅީފަޅާއި ގިރާވަރުފަޅުގެ ހާލަތަށް ބަލާ ނަމަ، އެތަނުގައި ވަސީލަތްތައް ގާއިމުކުރުމަށް ވެސް ވަގުތު ނަގާނެ ކަމަށެވެ.
"މާނައަކީ ލިބިފައި އޮތް ގޯތި މާލޭ ސަރަހައްދުން ހައުސިން ސްކީމަކުން ލިބިފައިވާ ގޯތި ދޫކޮށްލުމަށް ފަހު ފްލެޓު ހޯދުމަށް ފުރުސަތު ދޭން،" ރައީސް ވިދާޅުވެ އެވެ.
"ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވާ ކަމެއް ފްލެޓަށް އެޕްލައިކުރާނެ ފުރުސަތު ނެތުން،"
ރައީސް ވިދާޅުވީ މިވަގުތު ކުރިއަށް ދަނީ ޕޯޓަލުގެ ތެރެއިން އެފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ދޭން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށެވެ. ގާތްގަނޑަކަށް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ އިންތިޒާމު ހަމަޖެހި، ބިންވެރިޔާ ސްކީމަށް ގޯތި ލިބުނު މީހުންނަށް އެ ގޯތި ދޫކޮށްލާފައި ފްލެޓަށް ހުށަހެޅޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަން އެންމެންނަށް ޕްރޮގްރާމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 އަށް އޮންނާނެ އެވެ. ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ޖެހެނީ ބޯހިޔާވަހިކަން ޕޯޓަލު މެދުވެރިކޮށެވެ.
އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދާއި ރަސްމާލެއިން 15،000 ގޯތި އަދި ހުޅުމާލެ އާއި ވިލިމާލެއިން ތިން ކޮޓަރީގެ 7،900 ފްލެޓަށް އިމާރާތްކުރާނެ އެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ މާލޭ މީހުންނާއި މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ.
ސަރުކާރުން ވަނީ ހިޔާ ފްލެޓު ލިބިފައިވާ މީހުންގެ ތެރެއިން ފްލެޓު ދޫކޮށްލައި އާ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ދީފަ އެވެ. އެގޮތަށް ނިންމީ ހިޔާ ފްލެޓަކީ ކުޑަ ތަންކޮޅަކަށްވެފައި އާއިލާ ބޮޑުވެ، އެ ތަނުގައި އުޅުމަށް އުނދަގޫވެފައިވާ މީހުންނަށް ލުޔެއް ދިނުމަށް ކަމަށް ސަރުކާރުން ބުނެ އެވެ.