ވ. ފެލިދޫ ކައިރިން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ، އިންޑިއާގެ ބިލިނިއަރު ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޕަވަބޯޓް އެކްސިޑެންޓުވި ހާދިސާގައި މީހެއްގެ އަތެއް ބުރިވެފައިވަނިކޮށް އެ ސަރައްދުގެ ކަނޑުއަޑިން އަތެއް ފެނިއްޖެ އެވެ. 

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބުރިވެފައި އޮތް އަތެއް ފެނުނީ ވ. ދިއްގިރި ޝާކް ޕޮއިންޓުގައި ޑައިވިނަށް ގޮސް އުޅުނު ބަޔަކަށެވެ. އެ މީހުން ވަނީ އެކަން ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ.

އެހެންވެ، އެ ސަރަހައްދަށް ފުލުހުން ދަތުރުކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ. 

"މިހާރު" އަށް ލިބިފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި އަތް ބުރިވެފައި އޮތީ އެ މީހާގެ އުޅަނބޮށީގެ މަތިންނެވެ. އަދި އަތުގެ އިނގިލިތައް ފިޔަވައި ދެން ހުރި ބައިގެ މަސްގަނޑު އެއްކޮށް ނެއްޓި، ކަށިގަނޑު އޮތީ ފެންނާށެވެ. 

ބުރިވެފައި އޮތް އަތް ފެނުނު ސަރަަހައްދަކީ އެ ހާދިސާ ހިނގި ސަރަަހައްދާ ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުރެވެ.

އެ މައްސަލާގައި ފުލުހުން ބުނީ ފުލިދޫ ޝާކް ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު ބަޔަކަށް، އިންސާނެއްގެ ގުނަވަނެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާކަމުގެ ރިޕޯޓު މިއަދު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.

ފެލިދޫ ކައިރީގައި ހިނގި އެކްސިޑެންޓުގައި އަތް ބުރިވީ އިންޑިއާ މީހެއްގެ އެވެ. އޭނާ އިތުރު ފަރުވާއަށް މި މަހުގެ 21 ގައި އިންޑިއާއަށް ވަނީ ގެންގޮސްފަ އެވެ. 

އެ ހާދިސާއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އެ އުޅަނދު އެކްސިޑެންޓުވި އިރު ހަތް މީހަކު ތިއްބެވެ. އެއީ އިންޑިއާގެ ފަސް ފިރިހެނަކާއި އިނގިރޭސި ވިލާތުގެ އަންހެނަކާއި ރަޝިއާގެ އަންހެނެކެވެ. 

ގަޑިއަކު 100 މޭލަށް ވުރެ ބާރަށް ދުއްވޭ އެ އުޅަނދު އެކްސިޑެންޓުވި ހާދިސާގައި ވިއްސައިގެން ގޮސް ފަސް މީހަކު މޫދަށް ވެއްޓުނެވެ. އޭގެ ތެރެއިން އިންޑިއާގެ ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. 

ފެލިދޫ ކައިރިން ލޯންޗު އެކްސިޑެންޓުވިއިރު އޭގެއިން ދެ މީހަކު ވަނީ ގެއްލިފައި.
ފެލިދޫ ކައިރިން ލޯންޗު އެކްސިޑެންޓުވިއިރު އޭގެއިން ދެ މީހަކު ވަނީ ގެއްލިފައި.

ފުލުހުން ބުނީ އޭގައި ތިބި އެންމެންނަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށާއި އެ މީހުންނަށް ފަރުވާދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ވ. އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ދެ މީހަކު ފަހުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އެ ހާދިސާ ހިނގުމާ އެކު ފަރުވާއަށް ގޯތަމް އާއި އިތުރު އަންހެނަކު ވަނީ އިންޑިއާއަށް ފުރައިފަ އެވެ. 

ގޯތަމްގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ގެންގުޅޭ ސްޕީޑް ބޯޓް އެކްސިޑެންޓުވި ހާދިސާގައި ގެއްލިފައިވާ ދެ މީހުންގެ ތެރެއިން އެކަކީ އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގެވެ. ގެއްލިފައިވާ ދެ ވަނަ މީހަކީ ގޯތަމްގެ ޔޮޓްގެ ކެޕްޓަން މަހޭޝް ރާމަޗަންދުރަން ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. 

ޗުއްޓީ ހޭދަކުރުމަށް އާންމުކޮށް ރާއްޖެއަށް އަންނަ ގޯތަމް އާއި އޭނާގެ އެކުވެރިން އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ދުއްވަނިކޮށެވެ.