އިންތިހާބުތަކާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ބާއްވާ ހިޔާލު ހޯދުމުގެ ވޯޓު ނުވަތަ ފެންނަ ނުފެންނަ ވޯޓާއި އާންމު އިންތިހާބުތަކުގައި ވޯޓުލާއިރު ލާން ޖެހެނީ ރަނގަޅު ފާހަގަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން އަންނަ ހޮނިހިރު ދުވަހު ފެންނަ ނުފެންނަ ވޯޓު ނަގަން ތައްޔާރުވަމުން އަންނައިރު އެ ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ "އާނއެކޭ" ނުވަތަ "ނޫނެކޭ" ބުނަން ބޭނުންވިޔަސް ކަރުދާހުގައި ޖަހަން ޖެހޭނީ "ރަނގަޅު" ފާހަގަ ކަމަށެވެ.
"ރަނގަޅު ފާހަގައެއް ޖަހަން މި ޖެހެނީ، ރަނގަޅު ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް ޖަހައިފި ކަމަށް ވާ ނަމަ އެ ވޯޓެއް ބާތިލް ވާނެ،" ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާ ހަވާލާ ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި އާންމު ހިޔާލު ހޯދުމުގެ ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ފިޔަވައި އެހެން އެއްޗެއް ލިޔެފި ނަމަ އެ ވޯޓެއް ބާތިލް ވާނެ އެވެ. އޭގެ ތެރޭގައި ކުރެހުމާއި ލޯގޯ އާއި ރަސްގެ ފާހަގަލިޔަސް ވޯޓު ބާތިލް ވާނެ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.
"އެހެންވީމާ ފެންނަ ނުފެންނަ ވޯޓު ކަރުދާހުގައި މި ޖަހަން ޖެހެނީ އެ މީހަކަށް ފެންނަ އޮޕްޝަނަކާ ނުވަތަ ޗޮއިސްއަކާ ދިމާލުގައި ހެޔޮ ފާހަގަ. އެ ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ބުނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އެ މީހަކަށް ފެންނަ ކޮންމެ ދިމާލެއްގައި "ރަނގަޅު ފާހަގަ" ލިޔަސް ސައްހަ ވާނެ ކަމަށެވެ.
ރާއްޖޭގެ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ކުރާ ސުވާލަކީ "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލިހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލިހުން ފާސްކުރައްވާފައިވާ 'ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް' ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި އެވެ.
އެ ފެންނަ ނުފެންނަ ވޯޓު ނަގަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ އެކުގަ އެވެ.