އޭ ލެވެލްގެ ގަދަ ދިހައެއްގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް)ގެ 105 ދަރިވަރަކު ހިމެނިއްޖެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި އެ ސްކޫލުން 400 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.
ވީއައިއެޗްއެސްގެ ޕްރިންސިޕަލް އަލީ މުސްތަފާ "މިހާރު" އަށް ވިދާޅުވީ އެ ސްކޫލުން މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 32 ދަރިވަރަކު ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ވަރަށް ފާސްވެފައިވާ ކަމަށެވެ. އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 98 ޕަސެންޓު ދަރިވަރުން ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް ފާސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމީ ގަދަ 10ގައި ހިމެނުނު ދަރިވަރުން
އެ ސްކޫލުގެ އެއް ދަރިވަރަކު ވަނީ އޭ ލެވެލްއިން އެއް ވަނަ ވެސް ހޯދައިފަ އެވެ. އެއީ ހުސެއިން ޔަމީން އެވެ. އެ ދަރިވަރު ވަނީ އޭ ލެވެލްގެ އެއް ވަނަ ހޯދައި ރައީސްގެ ސްކޮލާޝިޕަށް ޝަރުތު ހަމަވެފަ އެވެ.
ގައުމީ ގަދަ ދިހައެއްގެ ދެވަނާގައި ވިލާގެ އަށް ދަރިވަރަކު ހިމެނުނެވެ.
- އަހުމަދު ރަނާން ރަމީޒް
- މުހައްމަދު އައްމާރް ފައިސަލް
- އަހުމަދު އަކްމަލް ނިޒާމް
- އަހުމަދު ނަސޫހް ހަސަން ވަލީދު
- މަރިޔަމް އައިނީ އިބްރާހިމް
- ޝަހުލާން އަލީ
- އިބްރާހިމް ބާސިލް މުހައްމަދު
- މުހައްމަދު އާޔަން އިސްމާއިލް
ގަދަ 10ގެ ތިންވަނަ ދެ ދަރިވަރުންނަށް ލިބުނުއިރު ހަތަރު ވަނަ 9 ދަރިވަރުންނަށް ލިބުނެވެ.
ތިން ވަނަ
- ފާތިމަތު ރަޔާން ރަފީއު
- މަރިޔަމް އަލީޝާ ހުސެއިން ޝަހީދު
އެ ސްކޫލުގެ ނުވަ ދަރިވަރުންނަށް ގައުމީ ހަތަރު ވަނަ ލިބުނުއިރު 11 ދަރިވަރުން ގައުމީ ގަދަ 10 ގެ ފަސް ވަނައިގައި ހިމެނުނުއިރު ހަވަނާގައި 17 ދަރިވަރުން ހިމެނުނެވެ.
ގައުމީ ގަދަ 10ގެ ހަތް ވަނާގައި އަށް ދަަރިވަރުން ހިމެނުނުއިރު އަށް ވަނާގައި 16 ދަރިވަރުން ހިމެނުނެވެ. ނުވަ ވަނާގައި އަށް ދަރިވަރުން ހިމެނުނުއިރު 10 ވަނާގައި އެ ސްކޫލުގެ 11 ދަރިވަރަކު ހިމެނުނެވެ.
ރާއްޖޭގައި މެއި ޖޫންގައި އަމިއްލަ ގޮތުން އޭ ލެވެލް ހެދުމަށް ޑީޕީން މި އަހަރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. މީގެ ހަ އަހަރު ކުރިން 2020 ގައި ގެނައި ބަދަލާއެކު މީގެ ކުރިން އަމިއްލަ ގޮތުން އޭލެވެލްގެ މޭ/ޖޫން ޓެސްޓުގައި ބައިވެރިވާން ބޭނުންވާ ގިނަ ދަރިވަރުން އިމްތިހާނު ހެދީ ސްރީ ލަންކާއަށް ގޮސްގެންނެވެ.
ރާއްޖޭގައި އެ އިމްތިހާން ބާއްވައި ދޭން ޑީޕީން ނިންމީ މިދިޔަ މަހު ދެވަނަ ދުވަހެވެ.
އެގޮތަށް ނިންމީ ލަންކާއަށް ދިއުމަށްދާ ހަރަދު ބޮޑުވުމާއި ކޮންމެ ދަރިވަރަކަށް އެވަރުގެ ހަރަދެއް ނުކުރެވޭނެ ކަމަށާއި އޭ ލެވެލްގެ ގަދަ 10 ގައި ހިމެނި، ސްކޮލާޝިޕް ހޯދަން ދަރިވަރުންނަށް އޮންނަ ފުރުސަތު ގެއްލޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ދަރިވަރުންގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެންނެވެ.