މިދިޔަ އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުގައި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 75 ދަރިވަރުން ގައުމީ ގަދަ10 ގައި ހިމެނިއްޖެ އެވެ.
މިދިޔަ އަހަރު އެ ސްކޫލުގެ އޭ ލެވެލް އިމްތިހާނުގައި 300 ދަރިވަރަކު ބައިވެރިވި އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދު "މިހާރު" އަށް ވިދާޅުވީ ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ ތެރެއިން 28 ދަރިވަރަކު ހައި އެޗީވާސް ސްކޮލާޝިޕަށް ޝަރުތު ހަމަވާ ކަމަށެވެ.
ގަދަ 10ގެ އެއް ވަނާގައި އެ ސްކޫލުގެ އެއްވެސް ދަރިވަރަކު ހިމެނިފައި ނުވާތީ ރައީސްގެ ސްކޮލާޝިޕް އެއްވެސް ދަރިވަރަކަށް ނުލިބެ އެވެ.
ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދާއި ވަނަތައް:
- 2 ވަނަ: އެއް ދަރިވަރު
- 3 ވަނަ: ހަ ދަރިވަރުން
- 4 ވަނަ: އަށް ދަރިވަރުން
- 5 ވަނަ: ހަތް ދަރިވަރުން
- 6 ވަނަ: 12 ދަރިވަރުން
- 7 ވަނަ: ހަ ދަރިވަރުން
- 8 ވަނަ: 10 ދަރިވަރުން
- 9 ވަނަ: 16 ދަރިވަރުން
- 10 ވަނަ: ނުވަ ދަރިވަރުން
ރަޝީދު ވިދާޅުވީ މިދިޔަ އަހަރު އޭ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން 96 ޕަސެންޓު ދަރިވަރުން ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް ފާސް ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ނަތީޖާގެ ސިއްރަކީ އެ ސްކޫލުގައި ކިޔަވައިދޭން ތިބި ޓީޗަރުންނާއި ކުދިންގެ ހިތްވަރެވެ.
މިިދިޔަ 2024 ވަނަ އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުގައި ފަސް މާއްދާއިން އޭ ހޯދައިގެން އަހުމަދިއްޔާގެ 47 ދަރިވަރުންނަށް ހައި އެޗީވާސް އެވޯޑް ލިބުނެވެ. އަދި ގަދަ 10ގެ އެއް ވަނައިގައި ހަތަރު ދަރިވަރަކު ހިމެނުނެވެ.
އަހުމަދިއްޔާ ސްކޫލުން އިއްޔެ ވަނީ އޭ ލެވެލްއަށް ވަނުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެ ފުރުސަތު އަންނަ މޭ މަހުގެ ނިޔަލަށް އޮންނާނެ އެވެ.