މާލޭގެ މަޖީދީ މަގުން މީހަކު ހުރަސް ކުރަނިކޮށް އޭނާގެ ގައިގައި ސައިކަލުން ޖައްސައި ފިލި މައްސަލާގައި ހޯދަން އިއުލާނުކުރި މީހާ ފުލުހުންގެ އިދާރާ އަށް ހާޒިރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 

މީޑިއާ ކައުންސިލް ހިންގި އިމާރާތް ކުރިމަތީގައި ހުރި ކަފިހި ހުރަހެއްގެ މަތިން މީހަކު ހުރަސް ކުރަމުން ދަނިކޮށް މީހެއްގެ ގައިގައި ޖެހި، ވެއްޓުމުން ވެސް  މަޑުނުކޮށް ސައިކަލުގައި އެ މީހާ ދާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން އިއްޔެ އާންމުކުރި އެވެ. 

އެ ވީޑިއޯއާ އެކު ވަނީ ސައިކަލުގައި ދިޔަ ފިރިހެން މީހާ މާލޭގެ އެކި ސަރަހައްދުތަކުންދާ ސީސީޓީވީ ފޫޓޭޖު އާންމުކޮށްފަ އެވެ.

މާލޭގެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުން އަންނަ އެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، އޭނާއަކީ ކާކުކަން ދެނެގަނެވިފައިވާ ނުވާ ކަމަށް އެ ޕޯސްޓުގައިވެ އެވެ. 

އެކަމަކު، ފުލުހުން ބުނީ އެ ޕޯސްޓާ ގުޅިގެން އެ މީހާ ވަނީ ފުލުހުންގެ އިދާރާ އަށް ރޭގެ ވަގުތެއްގައި ހާޒިރުވެފައި ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ. އެ މީހާގެ ވަނަވަރު ވެސް ހާމައެއް ނުކުރެ އެވެ. 

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އިތުރަށް ދަނީ ތަހުގީގުކުރަމުންނެވެ.