ލޯކަލް ކައުންސިލް އިންތިހާބަށް ފުލުހުންގެ އޮޕަރޭޝަން، "އޮޕަރޭޝަން ބްލޫ ރޭ" މިއަދު ރަސްމީކޮށް ފަށައިފި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އޮޕަރޭޝަން ފައްޓަވައިދެއްވުމަށް ފަހު، އެކްޓިން ކޮމިޝަނަރު އަދި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ ވަނީ މަސައްކަތުގައި ހަރަކާތްތެރިވާއިރު، ނަމޫނާ ބަޔަކަށް ވުމާއި އާއްމުންނާ މުއާމަލާތް ކުރުމުގައި ރީތި އަހުލާގާއި އޯގާތެރިކަން އިސްކުރުމަށް ފުލުހުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.
އޭގެ އިތުރުން، ނުތަނަވަސް ދަނޑިވަޅެއް ކުރިމަތިވިއަސް ކެތްތެރިކަމާ އެކު، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން އޭނާ އެދިވަޑައިގަތެވެ.
ފަރުހާދު ވިދާޅުވި ގޮތުގައި ފުލުހުންގެ އެ ކަމަކީ ގައުމަށްޓަކައި ކުރާ އިހުލާސްތެރި މަސައްކަތެކެވެ.
އޭނާ ވިދާޅުވީ އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމުކުރުމާއި ކޮންމެ މީހެއްގެ ވެސް ކަރާމާތް ހިމާޔަތްކުރުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދައްކުވައިދޭނެ ކަމެކެވެ.
އެކަންކަމާ އެކު، ޑިމޮކްރެޓިކް ނިޒާމެއްގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ގާނޫނު ތަންފީޒު ކުރުން ނޫން ކަމަށާއި އެއީ އާއްމުންގެ ސަލާމަތާއި ސުލްހަ މަސަލަސްކަމުގެ ޔަގީންކަން ދިނުން އަދި ރައްކާތެރިކަމުގެ އިހުސާސްކުރެވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ހިތްވަރާއި ގާބިލުކަމާ އެކު، އެ އޮޕަރޭޝަން ކާމިޔާބު ކާމިޔާބުވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ފަރުހާދު ވިދާޅުވި އެވެ.
އެ ބައްދަލުވުމާ އެކު، ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް ވަނީ "ލެވެލް 2" އަށް މިހާރު ބަދަލުކޮށްފަ އެވެ.