އުކުޅުވަޅު ހުޅުގެ ހަލާކުވާ ކައްޓަށް ފަރުވާ ދިނުމަށް، އައިޖީއެމްއެޗްގައި ސާޖަރީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފި އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް، ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހަލާކުވަމުންދާ ކަށި ސާފުކުރުމަށްފަހު، އެ ފަރުވާގައި ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެން ބޯން ގްރާފްޓް އަދި ޕީއާރުޕީ މެދުވެރިކޮށް އާ ކަށި އުފެއްދުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
އެއީ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ކަފައިގެން ކުރިއަށްގެންދާ ސާޖަރީއަކަށްވާތީ ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ، ފަރުވާއަށް ފަހު އަވަހަށް ފަސޭހަވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ފަރުވާއާ ގުޅޭގޮތުން، ކަށީގެ ޑޮކްޓަރު، ޑރ. ހުސެއިން ފައިސަލް ވިދާޅުވީ އެގޮތަށް ސާޖަރީ ހެދުމުން ބަލި މީހާގެ ހުޅު ސަލާމަތްކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ލިބިގެންދާ ކަމަށެވެ.
ނަމަވެސް، އެކަމަށް ގިނަ ތަންތަނުގައި ހަމައެކަނި ޑިކޮމްޕްރެސް ކޮށްފައި ބަހައްޓަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަށީގެ ޑޮކްޓަރު، ޑރ. އިސްމާއިލް ޒާހިރު ވިދާޅުވީ މި ސަރަހައްދުގައި ވެސް އާއްމުކޮށް އެގޮތަށް އެ ސާޖަރީ ނުކުރާ ކަމަށެވެ. މިއީ، މިގޮތަށް މި ފަރުވާ ދޭ އެއް ގައުމުކަން އޭނާ ފާހަގަކުރެއްވި އެވެ.