ނޯޓުގެ ނިއު އެޑިޝަން ފިހާރައަށް ފޭކް ސްލިޕް ފޮނުވައިގެން އެއްފަހަރާ 8،700 އަށް ވުރެ ގިނަ ރުފިޔާގެ މޭކަޕް ސާމާނު ގަތް މައްސަލައެއް ފެންމަތިވުމުން، އެ ކަމުގައި ހިމެނުނު މީހުން އެ ފައިސާ އަނބުރާ ފިހާރައަށް ދީފި އެވެ.
އެ މައްސަލަ އާންމުންނާ ހަމައަށް ތިލަވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ނިއު އެޑިޝަނުން ކުރި ޕޯސްޓަކާ އެކުގަ އެވެ. އެ ޕޯސްޓުގައި ބުނީ ފޭކު ސްލިޕް ފޮނުވައިގެން ދެ އަންހެނަކު 8،788.29ރ.ގެ ވިޔަފާރި އެ ތަނުން ކޮށްފައިވާ ކަމަށެވެ. އެ ފިހާރަތެރޭގައި އެ ދެ މީހުން އުޅޭ ތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް އާންމުކުރި އެވެ.
އެ މައްސަލާގައި ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ 8:47 ހާއިރު ހުޅުމާލޭގެ ފިހާރައަކުން ވިޔަފާރިކުރުމަށް ފަހު 8,788ރ. ގެ ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގެ ތަހުގީގުގައި ކުރި މަސައްކަތުން ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވި މީހާ ދެނެގަނެވުނު ކަމަށް ފުލުހުން ބުންޏެވެެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ މައްސަލާގައި ހިމެނޭ ފައިސާ އެ މީހާ ވަނީ ފިހާރައަށް އަނބުރާ ދައްކައިފަ އެވެ.
އެކަމަކު، އެ މައްސަލަ ތަހުގީގުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެެ.
ފިހާރައިން އާންމުކުރި ވީޑިއޯގައި ފެންނަނީ ހުދު ކުލައިގެ ޓީޝާޓަކާ އެކު، ކަޅު ބުރުގާއެއް އަޅައި އެ ބުރުގާއިން ލޯ އެކަނި ފެންނަ ވަރަށް މޫނު ފޮރުވައިގެން ހުރި އަންހެނަކާއި ބުރުގާ ނާޅާ ހުރި، ރަތް ކުލައިގެ އަތްދިގު ޓޮޕަކާއި ކަޅު ކުލައިގެ ޖިންސެއް ލައިގެން ހުރި ޒުވާނަކު ފިހާރަ ތެރޭގައި އުޅޭ މަންޒަރެވެ.
އޭގެ ތެރެއިން ބުރުގާ ނާޅާ ހުރި މީހާ މޫނު ފޮރުވުމަށް މަސައްކަތެއް ނުކުރެ އެވެ.
އޭގެ ތެރެއިން ފައިސާ ޓްރާންސްފާ ކުރާ ކަމަށް ހަދައި ފޯނުން ސްލިޕް ދައްކަނީ ބުރުގާ އަޅައިގެން މޫނު ފޮރުވައިގެން ހުރި އަންހެން މީހާ އެވެ. އެކަމަކު އެ ދެ އަންހެނުން ގަތް ހުރިހާ އެއްޗެހި ތިން ކޮތަޅުގައި ހުރިއިރު އެ ތިން ކޮތަޅު ވެސް ހިފައިގެން ނުކުންނަނީ ބުރުގާ ނާޅާ އަންހެން މީހާ އެވެ.
އަދި ކައުންޓަރު މަތީގައި ހުރި ތިން ކޮތަޅު ހިފައިގެން އޭނާ ނުކުންނައިރު ފައިސާ ފޮނުވި އަންހެން މީހާ އޭނާގެ ގާތުގައި ހުންނަ ތަނެއް ސީސީޓީވީ ފޫޓޭޖަކުން ނުފެނެ އެވެ.
ނިއު އެޑިޝަނުނުން އިއްޔެ ކުރި ޕޯސްޓުގައި ވަނީ އެ ދެ މީހުން ހޯދައިދޭން އާންމުންގެ އެހީއަށް އެދި، އެކަން ކޮށްދޭ މީހަކަށް ރަނގަޅު އިނާމެއް ދޭނެ ކަމަށް ވެސް ބުނެފަ އެވެ.